ރައްޔިތުންގެ މަޖިލިސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ތަހަކަށް އިތުރު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ގޮތުގައި، ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު ހުށަހެޅި މި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ދެންމެ ފާސްކުރީ، ޖަލްސާގައި ތިއްބެވި 75 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 74 މެންބަރުންގެ އިއްތިފާގުންނެވެ.

ކޯޓުތަކުގެ ގާނޫނުގެ ފަސްވަނަ މާއްދާއަށް ގެންނަން ފާސްކުރި މި އިސްލާހުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި އެ ކޯޓަށް އައްޔަން ކުރެވޭ ހަ ފަނޑިޔާރުންނާއެކު ހަތް ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ.

ގާނޫނުއަސާސީ އިސްލާހުކޮށް، މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށިއިރު، އަމަލު ކުރަމުންދިޔަ ގާނޫނުގައިވާގޮތުން، އެކުލަވައިލި ދާއިމީ ސުޕްރީމް ކޯޓުގައި އޭރު ތިއްބެވީވެސް ހަތް ފަނޑިޔާރުންނެވެ.

ނަމަވެސް 2014 ވަނަ އަހަރު ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި، ގާނޫނަށް ގެނައި އިސްލާހަކާއެކު ސުޕްރީމް ކޯޓުގެ ތިއްބެވި ހަތް ފަނޑިޔާރުންގެ އަދަދު ވަނީ ފަހަކަށް ބަދަލުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗް ފަސް ފަނޑިޔާރަށް ކުޑަ ކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިިކުރިއެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުގައި ތިއްބަވަނީ ފަސް ފަނޑިޔާރުންނެވެ.

ގާނޫނަށް މި އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބިލުުގައި ބުނެފައިވަނީ، މިއީ ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް 2014 ވަނަ އަހަރު ސިޔާސީ މަގްސަދެއްގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ދެ ފަނޑިޔާރު ވަކި ކޮށްފައިވާތީ ފަނޑިޔާރުންގެ އަދަދު ކުރިން އޮތްގޮތަށް ބަދަލު ކުރުމަށް ހުށަހެޅި އިސްލާހެއް ކަމަށެވެ.

ރައީސުލް ޖުމްހުރިއްޔާ ތަސްދީގު ކުރާ ހިސާބުން ފެށިގެން މި ގާނޫނަށް އަމަލު ކުރަންފެށޭނެއެވެ.

އެހެންކަމުން ޖޭއެސްސީގެ މަޝްވަރާގެމަތިން ސުޕްރީމް ކޯޓުގެ ބެންޗަށް އިތުރު ފަނޑިޔާރުން އައްޔަންކުރަން ބޭނުންފުޅުވާ ބޭފުޅުންގެ ނަންފުޅުތައް މަޖިލީހުގެ ރުހުމަށް ފޮނުވާން ޖެހޭނެއެވެ.