އިބްރާހިމް ޒަކީ
ސަރުކާރު ހިންގާ ކޯލީޝަންގައި ތިބި ނަމަވެސް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ހުށަހެޅި އެއްވެސް ބިލަކާބެހޭގޮތުން، ޖުމްހޫރީ ޕާޓީއާ މަޝްވަރާ ކޮށްފައި ނުވާކަމަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތް 2000 ރުފިޔާއިން 5000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ބޮޑުކުރުމަށާއި، ނުކުޅެދިންތެރިންގެ ގިންތިތައް ކަނޑައެޅުމަށް ނާޒިމް ހުށަހެޅުއްވި އިސްލާހަކީ ސަރުކާރު ކޯލީޝަންގައި އޮވެ ސަރުކާރާ މަޝްވަރާ ނުކޮށް ހުށަހަޅާފައިވާ ބިލެއް ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވަމުން ގެންދަވާތީ، ބިލްގެ ބަހުސް ނިމި ފަހުބަސް ވިދާޅުވުމުގެ ފުރުސަތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މި ބިލަކީ ސިޔާސީ އެއްވެސް މަގުސަދެއް އޮވެގެން ހުށަހެޅުއްވި ބިލެއްނޫން ކަމަށެވެ.
ސަރުކާރުން މިފަދަ ބިލެއް އެކުލަވާލަމުން އަންނަ ކަމަށާއި، ސަރުކާރު ކޯލީޝަންގައި އޮވެ ސަރުކާރާ މަޝްވަރާނުކޮށް ޖުމްހޫރީ ޕާޓީގެ މެންބަރަކު މިފަދަ ބިލެއް ހުށަހެޅުމަކީ އިހުލާސްތެރިކަމެއް ނެތް ކަމަށް ތަކުރާރުކޮށް އެމްޑީޕީގެ މެންބަރުން ވިދާޅުވެފައިވާތީ، ނާޒިމް ވިދާޅުވީ، މިފަދަ ބިލެއް ސަރުކާރުން އެކުލަވާލާކަން އެނގިވަޑައިގެންނެވީވެސް މިހާރު ކަމަށެވެ. އަދި ނާޒިމް ހުށަހެޅުއްވި ބިލް އެކުލަވައިލުމަށް އެ ދާއިރާ އާއި މާލޭގައި ތިބި ނުކުޅެދުންތެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރެއްވިކަމަށާއި، ނުކުޅެދުންތެރިންގެ ބެލެނިވެރިންނާވެސް މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ބިލް ހުށަހެޅުއްވުމުގެކުރިން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުރިހާ މައުލޫމާތެއް ހޯއްދެވި ކަމަށްވެސް ވިދާޅުވިއެވެ.
ކޯލިޝަން ފެންނަނީ ސަރުކާރުގެ ވަޒީފާ ބޭނުންވީމަ ކަމަށާއި، ބިލް ހުށަހަޅަނީ ސަރުކާރަށް ޖެއްސުންކުރަން ކަމަށް، މި ބލްގެ ބަހުސްގައި އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވާތީ ނާޒިމް ވިދާޅުވީ، ކޯލިޝަން ހަދައިގެން ތިބި ނަމަވެސް މިހާތަނަށް މަޖިލީހަށް ހުށަހެޅި އެއްވެސް ބިލަކާބެހޭގޮތުން ސަރުކާރުން ޖުމްހޫރީ ޕާޓީއާ މަޝްވަރާ ކޮށްފައިނުވާ ކަމަށެވެ.
އޭގެ މާނައަކީ ސަރުކާރާ އޮތް ގުޅުން ނެތުން ނޫން ކަމަށާއި އެބޭފުޅުން މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަރަށް އެކުވެރިކަމާއެކު ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ސަރުކާރު ކޯލިޝަން ފުރިހަމައަށް އެބައޮތް ކަމަށާއި، އެބޭފުޅުންގެ ތާއީދު އޮތީވެސް ސަރުކާރަށް ކަމަށެވެ.
"އަޅުގަނޑު ރެކޯޑަށްޓަކައި ދަންނަވާލާނަން، އަޅުގަނޑުމެން ކޯލީޝަނެއް ހަދައިގެން ތިބި ކަމުގައިވިޔަސް މިހާތަނަށް މިތަނަށް ހުށަހެޅުނު އެއްވެސް ބިލެއްގައި އަޅުގަނޑުމެންގެ ޕާޓީއާ އެކީގައި ސަރުކާރުން މަޝްވަރާކޮށްފައެއް ނެތް، ހަމައެކަނި މީ އަޅުގަނޑު ރެކޯޑަށްޓަކައި ދަންނަވާ ވާހަކައެއް، އޭގެ މާނައަކީ އަޅުގަނޑުމެންގެ ތެރޭގައި ގުޅުންނެތީކީ ނޫން، މަސައްކަތް ކުރަމުން މިދަނީ ވަރަށް އެކުވެރިކަމާއެކު، ކޯލީޝަން ފުރިހަމައަށް އެބައޮތް، އަޅުގަނޑުމެންގެ ތާއީދު އެބައޮތް، ސަރުކާރާއެކީ އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކަންތައްތައް ފުރިހަމަކޮށްދެއްވުމަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް އިސްކަން ދެއްވައިގެން ކަންތައްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އަދި މި ބިލަކީ ސިޔާސީ ކަމަކަށް ނަހައްދަވައި، އޯގާތެރިކަމަކަށް ހައްދަވައިގެން ބިލް މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ގެންގޮސް މެންބަރުން ބޭނުންވާ ކަންކަން ހިމަނައިގެން ފާސްކޮށްދެއްވުމަށް ވެސް ނާޒިމު އެދިވަޑައިގެންނެވިއެވެ.
ނާޒިމް ވިދާޅުވީ މިއީ ނުކުޅެދުންތެއިންނަށް މިހާރުން މިހާރަށް ހަމަޖައްސަން ޖެހޭ މުހިއްމު ކަންތައްތަކެއް ހިމެނޭ ބިލެއް ކަމަށެވެ.