ވެލާނާ އިންޓަރނޭޝިނަލް އެއަރޕޯޓް

ވީއައިއޭގެ އާ އޭޕްރަންގެ ފުރަތަމަ ފިޔަވަހި ރަސްމީކޮށް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ އޭޕްރަންގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި އެތަން މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

އާ އޭޕްރަން ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ކޯޕަރޭޓް ކޮމިޔުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ، ފުރަތަމަ ހުޅުވި އޭޕްރަން އަކީ ގާތްގަނޑަކަށް 70 ހާސް އަކަމީޓަރުގެ އޭޕްރަންއެއް ކަމަށާއި އެ އޭޕްރަންގައި ގާތްގަނޑަކަށް ތިން މާސް ކޯޓު އީގެ އެއާކްރާފްޓް ބޭއްވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އާ އޭޕްރަންގައި ދެން ހިމެނެނީ، ޑެޑިކޭޓެޑް ކޯޑް އީގެ ދެ ޑެޑިކޭޓެޑް ސްޓޭންޑާއި ކޯޑް ސީގެ، އެއް ޑެޑިކޭޓެޑް ސްޓޭންޑް ކަމަށެވެ.

އަރީފު ވިދާޅުވީ އާ އޭޕްރަންގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލަން ހޭދަވީ 15 ވަރަކަށް މަސް ކަމަށާއި ނަމަވެސް ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމަން ނަގާނެކަމަށް ބެލެވެނީ ހަތް މަސް ދުވަސް ކަމަށެވެ.

އާ އޭޕްރަންގައި ފުރަތަމަ ޕާކުކޮށްފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓެކެވެ. އެ ފްލައިޓަށް މަރުހަބާ ކިޔުމަށް ވަނީ ވޯޓާ ސެލިޔުޓެއް އަރުވައިފައެވެ.

އާ އޭޕްރަންގައި މަތިންދާބޯޓަށް ކައިރި ކުރާ އިކުއިޕްމެންޓުތަކަށް ވަކި ސަރަހައްދެއް ހާއްސަކޮށްފައިވާއިރު ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓުތަކުގެ އޭޕްރަން އާއި ވީއައިއޭގެ އޭޕްރަންގެ ސްޓޭންޑާޑް އެއްވަރުވާނެ ކަމަށް އެމްއޭސީއެލް އިން ބުންނެއެވެ.