ރައްޔިތުންގެ މަޖިލިސް

އެޗްއާރުސީއެމްގެ ރައީސް އިސްތިއުފާ ދެއްވުމަށް މަޖިލިސް މެންބަރުން ގޮވާލައްވައިފި

އިބްރާހިމް ޒަކީ

1

ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ރައީސް އައިމިނަތު އީނާޒް އިސްތިއުފާ، ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައްވައިފިއެވެ.

ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ހިއުމަން ރައިޓްސް ކޮމިޝަނުގެ ބާރު، ހަމަ އެގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ ސުޕްރީމް ކޯޓުން އެގާނޫނުއަސާސީއާ ހިލާފަށް ނިގުޅައިގަނެފައިވާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްގެންދިޔަ ބަހުސްގައި މެންބަރުން ވިދާޅުވީ، ރާއްޖޭގައި މިއޮތް ޑިމޮކްރެޓިކް ނިޒާމުގައި ހުދުމުހުތާރު ވުމާއި، އަނިޔާވެރި ވުމާއި، ހައްގުތައް ނިގުޅައިގަނެވިގެންދާ ކޮންމެ ފަހަރަކު އެންމެބޮޑަށް ހަރަކާތެރިވެ އިސް ނަަގައި ބާރުވެރިވާންޖެހޭ ބަޔަކީ ހިއުމަންރަިޓްސް ކޮމިޝަން ކަމަށެވެ. ނަމަވެސް މި ހާރު އޮތް ކޮމިޝަނުން އެފަދަ އެއްވެސް ކަމަކަށް މިހާތަނަށް ޒިންމާދާރުގޮތެއްގައި ހަރަކާތްރިވެފައިނުވާކަމަށް މެންބަރުން ވިދާޅުވިއެވެ.

"އެޗްއާރުސީއެމް މިނިވަންވާން ޖެހޭ އަޅުގަނޑުމެން ބޭނުމެއްނުވޭ، އަނެއްކާވެސް އެބޭފުޅުން އެތަނުގައި ބައިތިއްބައިގެން އެ ސަކަރާތެއްޖަހާކަށް، އެހެންކަމުން އެޗްއާރުސީއެމްގެ ރައީސާ މިހާރުން މިހާރަށް އިސްތިއުފާދޭން އަޅުގަނޑު ގޮވާލަން" މަކުނޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، މަންމަ ޖަލަށް ލައިގެން، ޕާޓީ މީހުން ޖަލަށް ލައިގެން، ޕެޓިޝަން ނުކުރާ ހިއުމަންރައިޓް ކޮމިޝަނެއް އަދި ރާއްޖޭގައި ނުއުފެދޭ ކަމަށެވެ. ނަމަވެސް ބައެއް ކޮމިޝަންތަކުން ރަނގަޅަށް މަސައްކަތްކުރި ނަމަވެސް މިހާރު އޮތް، އެޗްއާރުސީއެމް އަކީ އިންސާނީ ހައްގުތަކުގެ މައްސަލައިގައި އެއްވެސް ބަހެއް ބުނި ކޮމިޝަނެއް ނޫން ކަމަށެވެ.

"ފަސް އަހަރުވަންދެން ވެރިޔަކު ރައްޔިތުންގެ ހުރިހާ ހައްގަކަށް އަރައިގަންނަމުންދިޔައިރު، ގާނޫނު އަސާސީ މުގުރާލައި ގާނޫނުތައް މުގުރާލައި ދިވެހި ރާއްޖޭގައި ބަހެއް ބުނި ހުރިހާ މީހުން ގެންގޮސް ޖަލުތަކަށްލައި، އެމީހުންގެ ވަޒީފާތައް ގެއްލުވާލައި، ޖަލުތަކުގައި މީހުން މަރުވެގެން ދިޔައިރުވެސް އެންމެ ބަހެއްވެސް ބުނަން ނުކެރިފައިއޮތް ކޮމިޝަނެއްމިއޮތީ، އަޅުގަނޑު ހިތަށް އަރަނީ ކީއްވެގެންތޯއޭ މަގާމުގައި އެތިބެނީ، ލަދު ކޮބައިތޯއޭ، އަޅުގަނޑު ނަމަ މިހާވަރަށް ފަލީހަތް ނުވަނީސް އިސްތިއުފާދީފަ، ގެއަށް ހިނގައްޖައިސް،" އީވާ ވިދާޅުވިއެވެ.

ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ އެޗްއާރުސީއެމަށް ގާނޫނީ ބާރެއް ލިބިފައި އޮތް ކަމަށް މެމްބަރުން ހަމަ އެކަނި ގަބޫލު ކުރީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވި ފޮނުވުން އެކަނި ކަމަށެވެ.

ނަމަވެސް އެޗްއާރުސީއެމްގެ ގާނޫނަށް އިތުރު ބަދަލެއްނައިސް އޭރުވެސް އޮތް ބާރުތައް މިހާރުވެސް ކޮމިޝަނަށް ލިބިފައިއޮތަސް އެފަދަ ގޮތަކަށް މިހާރު ކޮމިޝަނުން އަމަލު ނުކުރާކަމަށް އީސަ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟