މަޖިލިސް މެންބަރު ހަސަން ލަތީފް

ސުޕްރީމް ކޯޓަށް އިތުރު ކުރާ 2 ފަނޑިޔާރުންނަށް 7.9 މިލިޔަން ރުފިޔާ ބަޖެޓަށް އިތުރު ކުރަންޖެހޭ

އިބްރާހިމް ޒަކީ

ސުޕްރީމް ކޯޓުގެ ބެންޗް ފަސް ފަނޑިޔާރުން، ހަތް ފަނޑިޔާރުންނަށް ބަދަލު ކޮށް އިތުރު ކުރާ 2 ފަނޑިޔާރުންނަށް ބޭނުންވާ މުސާރަ އާއި އިނާޔަތްތަކަށް އަހަރަކު 7.9 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓަށް އިތުރުކުރަންޖެހޭނެ ކަމަށް އެ އިސްލާހު ދިރާސާކުރި ކޮމިޓީއަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދީފިއެވެ.

ސުޕްރީމް ކޯޓުގެ ބެންޗް ފަހަކުން ހަތަކަށް ބަދަލު ކުރުމަށް ކޯޓުތަކުގެ ގާނޫނަށް، މެދު ހެންވޭރުދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ރައްޔިތުންގެ މަޖިިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް މިއަދު ކުރިއަށްދިޔަ ބަހުސްގައި، ޖުޑިޝަރީ ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ އެ އިސްލާހު ދިރާސާކުރިއިރު މާލީ ގޮތުން ބަޖެޓަށް އަންނާނެ ބުރައަކީ ކޮބައިތޯ ބަލާފައިވާ ކަމަށެވެ.

އެގޮތުން އެކަމާބެހޭ ތަފުސީލުތަކަށް ފިނޭންސް މިނިސްޓްރީގައި އެދުމުން، ފިނޭންސް މިިނިސްޓްރީން ދިން މައުލޫމާތުތަކުގެ ތެރޭގައި، އެ ދެ ފަނޑިޔާރުންނަށް އަހަރަކު 7.9 މިލިޔަން ރުފިޔާ ބަޖެޓަށް އިތުރު ކުރަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ، ގަދަރާއި ޝަރަފާއި އިއްޒަތް ހިމާޔަތް ކުރެވިފައިވާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި އެއީ ރަނގަޅު އިނާޔަތެއް ލިބޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

ނަމަވެސް ހަސަން ލަތީފު ވިދާޅުވީ، ދެ ފަނޑިޔާރުންނަށް އިތުރު ކުރަންޖެހޭ ފައިސާއާ ބެހޭގޮތުން ފިނޭންސް މިނިސްޓްރީން ފޮނުވި ރިޕޯޓްގައި އެއަށްވުރެ ހަރަދު ކުޑަ ކުރެވިދާނެ ގޮތްތައް ހިމެނޭކަމަށް ކޮމިޓީން ބެލި ބެލުންތަކުން އެނގޭ ކަމަށެވެ. ނަމަވެސް އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މިހާރު ލިބޭ މުސާރައާއި އިނާޔަތްތައް ކުޑަކުރުން ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެންބަރުގެ ވާހަކާގައި އެ ރިޕޯޓްގައި ފަނޑިޔާރުންގެ މުސާރައާބެހޭ އިތުރު ތަފުސީލުތަކެއް ވިދާޅެއް ނުވެއެވެ.

ސުޕްރީމްކޯޓުގެ ބެންޗު ހަތް ފަނޑިޔާރުންނަށް އިތުރު ކުރަން އިސްލާހު ހުށަހަޅާފައިވާއިރު، ގާނޫނުއަސާސީ އިސްލާހުކޮށް، މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީއަށް 2008 ވަނަ އަހަރު އަމަލު ކުރަން ފެށިއިރު، އަމަލު ކުރަމުންދިޔަ ގާނޫނުގައިވާގޮތުން، އެކުލަވައިލި ދާއިމީ ސުޕްރީމް ކޯޓުގައި އޭރު ތިއްބެވީވެސް ހަތް ފަނޑިޔާރުންނެވެ.

ނަމަވެސް 2014 ވަނަ އަހަރު ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި، ގާނޫނަށް ގެނައި އިސްލާހަކާއެކު ސުޕްރީމް ކޯޓުގެ ތިއްބެވި ހަތް ފަނޑިޔާރުންގެ އަދަދު ވަނީ ފަހަކަށް ދަށްކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗް ފަސް ފަނޑިޔާރަށް ކުޑަ ކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިިކުރިއެވެ. އޭގެ ފަހުނުް ސުޕްރީމް ކޯޓުގައި ތިއްބަވަނީ ފަސް ފަނޑިޔާރުންނެވެ.

މިފަހަރުގެ އިސްލާހަށް ކުރިއަށްދިޔަ ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރަނީ އުމުރު ދުވަހަށް، (އުމުރުން 70 އަހަރަށް) ކަމަށް ގާނޫނުއަސާސީަގައި ބުނެފައިވާއިރު، އޭރުގެ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސުޕްރީމް ކޯޓުން ބޭރުކުރީ އެ ބޭފުޅުންނަށް ދިފާއުގައި ވާހަކަފުޅެއް ދެއްކޭނެ ފުރުސަތުވެސް ދެއްވުމެއް ނެތިކަމަށެވެ.

ގާނޫނަށް މި އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބިލުުގައި ބުނެފައިވަނީ، މިއީ ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް 2014 ވަނަ އަހަރު ސިޔާސީ މަގުސަދެއްގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ދެ ފަނޑިޔާރު ވަކި ކޮށްފައިވާތީ ފަނޑިޔާރުންގެ އަދަދު ކުރިން އޮތްގޮތަށް ބަދަލު ކުރުމަށް ހުށަހެޅި އިސްލާހެއް ކަމަށެވެ.