ޕޮލިސް

އިނގިރޭސި ސަރުކާރާއި ގުޅިގެން ދިވެހި ފުލުހުންގެ މަސައްކަތް ހަރުދަނާކުރުމުގެ މަސައްކަތް ފަށައިފި

އިނގިރޭސިވިލާތުގެ ސަރުކާރުގެ އެހީގެ ދަށުން، ދިވެހި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކޮށް ތަރައްގީކުރުމަށްޓަކައި ފަންނީ ލަފާދިނުމަށް ޕޮލިސް ސާވިސް އޮފް ނޯދަން އައިލެންޑްގެ ކުރީގެ ޗީފް ކޮންސްޓަބަލް، ހިއު ސްޓެފަން ރޮޑެން އޯރޑް ރާއްޖެ ވަޑައިގެން މަސައްކަތް ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ ދައުވަތަކަށް މިމަހު 13 އިން 19 އަށް ހިއު އޯރޑް ރާއްޖެއަށް ކުރައްވާ ދަތުރުގައި ފުލުހުންގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ގޮތްތަކާއި އިނގިރޭސިވިލާތުގެ ތަންފީޒީ އިދާރާތަކާއި ފުލުހުންގެ އިދާރާގައި އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން، ފުލުހުންގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރަން ހަމަޖެހިފައިވާކަމަށެވެ.

ފުލުހުން ބުނިގޮތުގައި މި ޒިޔާރަތުގައި ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ހިއު އޯރޑް ރިޕޯޓެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ރިޕޯޓްގައި ފުލުހުންގެ އިދާރާ ހަރުދަނާކޮށް ކުރިއެރުވުމަށް ގެންނަން ފެންނަ ބަދަލުތައް ހިމެނޭނެއެވެ.

އެގޮތުން، ގާނޫނު ތަންފީޒު ކުރުމުގެ ސްޓްރެޓެޖީތައް އެކުލަވާލުމާއި މުޖުތަމައާ ގުޅިގެން ފުލުހުންގެ ހިދުމަތް ދެވޭނެ މޮޑެލްތަކާއި، ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމާއި، އިންޓެލިޖެންސާއި ހެކީގެ މައްޗަށް ބިނާކޮށް ތަހުގީގު ހިންގައި ކާމިޔާބު ކަމާއެކު ދައުވާ އުފުލުމާއި، އަދި އެހެނިހެން މަދަނީ މުއައްސަސާތަކާއި ސިފައިންނާއެކު މަސައްކަތްކުރުމުގެ މައްޗަށް އަލިއަޅުވާލަން ހަމަޖެހިފައިވެއެވެ.

އޭގެ އިތުރުން، މުއައްސަސާގެ އޮނިގަނޑަށް ގެންނަން ފެންނަ ބަދަލުތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާނެއެވެ. ހިއު އޯރޑް ރާއްޖޭގެ މުހިއްމު އިދާރާތަކުގެ ވެރިންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހިއު އޯރޑް އަކީ 1977 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގެ އެކި ފުލުހުންގެ ޚިދުމަތްތަކުގައި މުހިއްމު މަގާމުތަކެއް އަދާކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ނޯދަން އަޔަލެންޑް ގެ ފުލުހުންގެ މުއައްސަސާ ޒަމާނީކޮށް، ޑިމޮކްރެޓިކް އިންސްޓިޓިއުޝަނަކަށް ހެދުމުގައި އިސް ދައުރެއް އަދާކުރެއްވި ތަޖުރިބާކާރެކެވެ.

އުނދަގޫ އަދި ގޮންޖެހުން ބޮޑު މާހައުލުތަކުގައިވެސް ފުލުހުންގެ ޚިދުމަތް ތަރައްގީކޮށް ކުރިއެރުވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ދުނިޔެ ބަލައިގެންފައިވާ ތަޖުރިބާކާރެއް ކަމަށް ފުލުހުން ބުންޏެވެ.

އަދި ކްރައިސިސް މެނޭޖް ކުރުމުގައާއި ޓެރަރިސްޓް ގްރޫޕްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބި، ގައުމީ ފެންވަރުގައާއި ބައިނަލްއަގްވާމީ ފެންވަރުގައި ސުލްހަ ގާއިމްކުރުމުގެ އުނދަގޫ މަސައްކަތްތަކުގައި ވިސްނުންތެރިކަމާއެކު މަސައްކަތްކޮށް ދެމެހެއްޓެނިވި ރަނގަޅު ބަދަލުތައް ގެނައުމުގައި މެދުވެރި ރޯލެއް އަދާކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.