ސުޕްރީމް ކޯޓް

އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ބަޔާން ނަގައިފި

ޝަހީދާ އަބްދުﷲ ސައީދު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ އިތުރުން އެކޯޓުގެ ދެ ފަނޑިޔާރެއްގެ ބަޔާން ނަގައިފިއެވެ.

ޖޭއެސްސީގެ ތަހުގީގު ޓީމުން ނަގާފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީއާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ބަޔާނެވެ.

ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އެކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލައާ ގުޅިގެން ތަހުގީގު ކޮމެޓީން މީގެ ދެ ދުވަސްކުރިން ތިން ފަނޑިޔާރުންގެ ބަޔާން ނަގާފައިވާ ކަމަށެވެ.

ތިން ފަނޑިޔާރުންގެ މައްސަލަ ބަލަމުންދާ ކަމަށް ޖޭއެސްސީން ބުނެފައިވާއިރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ތުހުމަތުކުރެވޭ ސުލޫކީ މައްސަލަ ބެލުމަށްފަހު މަގާމުން ވަކިކުރުމަށް މިދިޔަ ހަފްތާގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމާފައެވެ.

އެ ނިންމުމާ ގުޅިގެން ޖޭއެސްސީގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ތަހުގީގު ރިޕޯޓަށް ޖަވާބުދާރީވުމަށް މާދަމާ އިން ފެށިގެން ފަނޑިޔާރު އަބްދުﷲ ދީދީއަށް 30 ދުވަހުގެ މުއްދަތެއް އެ ކޮމިޝަނުން ވަނީ ދީފައެވެ.

ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހެޅުމާ މެދު ގޮތެއް ނިންމާނީ ޖަވާބުދާރީވުމަށް އަބްދުﷲ ދީދީއަށް 30 ދުވަހުގެ މުއްދަތު ދިނުމަށްފަހުއެވެ.

މީގެއިތުރުން ފަނޑިޔާރު އަރީފަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ކަނޑައަޅާފައިވާ މެންބަރުގެ އިތުރުން ޖޭއެސްސީގެ ރައީސެވެ.

ތިން ފަނޑިޔާރުންގެ މައްސަލަ ބެލުމަށް އެކުލަވައިލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީއާއި ކޮމިޝަންގެ މެމްބަރު އަދި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުއާއި ކޮމިޝަންގެ މެމްބަރު ހިސާން ހުސައިންއާއި ކޮމިޝަންގެ މެމްބަރު އަބްދުއްރައޫފް އިބްރާހީމާއި ކޮމިޝަންގެ މެމްބަރު މުހައްމަދު އީސާފުޅާއި ކޮމިޝަންގެ މެމްބަރު އަބްދުލް ހަންނާން އަހްމަދުގެ އިތުރުން ކޮމިޝަންގެ މެމްބަރު ޑރ. އަލީ ޝަމީމެވެ.