ޝަހީދާ އަބްދުﷲ ސައީދު
އެންޓިޑިފެކްޝަން ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހައްގުތައް ގެއްލޭ ގޮތަށް އޮތް ގާނޫނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާފައިވާ އެންޓިޑިފެކްޝަން ގާނޫނު އުވާލުމުގެ ބިލަށް ބަހުސްކުރައްވަމުން އަލީ މައުރޫފު ވިދާޅުވީ އެންޓިޑިފެކްޝަން ގާނޫނަކީ އޮންނަން ޖެހޭ ގާނޫނެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެގާނޫނު އޮންނަން ޖެހޭނީ މެންބަރުންގެ ހައްގުތައް ނުގެއްލޭ ގޮތަށް ބައްޓަން ކުރެވިފައި ކަމަށާއި، މިހާރު އެގާނޫނު އޮތް ގޮތުން މެންބަރުންގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށެވެ. އެހެންކަމުން އެ ގާނޫނު އުވާލުމުގެ ބަދަލުގައި އެގާނޫނު މުރާޖައާކޮށް އަލުން ގާނޫނަކަށް ހެދުމަށް މައުރޫފު މެންބަރުންނަށް ގޮވައިލެއްވިއެވެ.
މައުރޫފު ވިދާޅުވީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް އިންތިޚާބުވާ މެންބަރުން ފަސް އަހަރު ވަންދެން ތިއްބަވަން ވާނީ ޕާޓީގެ ފިކުރުގައި ކަމަށެވެ. އަދި ޕާޓީގެ ފިކުރުގައި އަންނަ މީހަކު މެންބަރު ކަމަށް އިންތިޚާބު ކުރަނީ ރައްޔިތުންގެ ފޮނި އުންމީދުތަކެއް އޮތުމުން ކަމަށާއި، އެސަބަބު ތަކަށް ޓަކައި ޕާޓީ އާއި ރައްޔިތުންގެ ހައްގުގައި އެމީހަކު ފަސް އަހަރު ޕާޓީގައި ދެމިހުންނަންވާނެ ކަމަށް މައުރޫފު ވިދާޅުވިއެވެ.
މިއަދު އޮތް މަޖިލިސް ޖަލްސާގައި އެންޓި ޑިފެކްޝަން ޤާނޫނު އުވާލުމަށް ހުށަހެޅި ބިލް މަޖިލީހުން ވަނީ ބަލައިގެންފައެވެ. އެ ބިލު ބަލައިގަންނަން 30 މެންބަރަކު ވޯޓު ދެއްވި އިރު، އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓް ދެއްވީ ހަތަރު މެންބަރުންނެވެ.