ޝަހީދާ އަބްދުﷲ ސައީދު
މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) އިން ގާނޫނީ ވަކީލު އަބްދުﷲ ހަސީން އިސްތިއުފާ ދެއްވައިފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ހަސީން ވިދާޅުވީ ލޭބާ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުންނާއި އެޕާޓީގެ މެންބަރު ކަމުން އިސްތިއުފާދެއްވީ ރޭގެ ވަގުތެއްގައި ކަމަށެވެ.
ސަބަބެއް ކަމަށް ހަސީން ވިދާޅުވީ މިވަގުތު ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާން ބޭނުން ނުވާތީކަމަށެވެ. ހަސީނު ވިދާޅުވީ ލޭބާ ޕާޓީގައި އޭނާ އަދާކުރެއްވި ދައުރަކީ ޕާޓީ ވުޖޫދަށް ގެނައުމުގެ ޒިންމާ ކަމަށާއި އެޒިންމާ އަދާކުރެވިއްޖެ ކަމަށް ގަބޫލުކުރައްވާކަމަށެވެ.
ލޭބާ ޕާޓީ ރަޖިސްޓްރީކޮށް، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމެނުމަށްފަހު، ރަޖިސްޓްރީ ކުރިކަމުގެ ލިޔުން އެޕާޓީއާ ހަވާލުކުރީ މިއަހަރުގެ ޖެނުއަރީ 21 ގައެވެ. އަދި އެލިޔުމާއި ޕާޓީގެ ފަރާތުން ހަވާލުވެވަޑައިގަތީ ހަސީނެވެ.
3020 މެންބަރުންނާއެކު ޕާޓީ ރަޖިސްޓްރީ ކުރުމަށް ހަސީނު އީސީ އަށް ހުށަހެޅީ 2018 ޑިސެންބަރު 6 ގައެވެ.