ރައްޔިތުންގެ މަޖިލިސް

މުސްކުޅިންގެ އިނާޔަތް ބޮޑުކުރަން ޖާބިިރަށް ހުށައެއްނޭޅޭނެ، ވަގުތުން ބިލް ބޭރުކުރޭ: އައްޑޫ ޝަރީފް

އިބްރާހިމް ޒަކީ

1

އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ، 5،000 ރުފިޔާގެ އިނާޔަތް، 10،000 ރުފިޔާ އަށް ބޮޑު ކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރަށް ބިލް ހުށައެއްނޭޅޭނެ ކަމަށާއި، އެބިލަކީ މަޖިލީހުގެ ތަޅުމުން ވަގުތުން ވަގުތަށް ބޭރުކުރަންޖެހޭ ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެންބަރުން ގޮވާލައްވައިފިއެވެ.

ޕެންޝަނާބެހޭ ގާނޫނަށް ޖާބިރު ހުށަހެޅުއްވި މި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް މިއަދު ވިދާޅުވީ، އެ ބިލަކީ "މަނީ" ބިލެއް ކަމަށާއި އެ ފަދަ ބިލްތައް ހުށަހެޅޭނީ ދައުލަތަށް ކަމަށެވެ. ޝަރީފް ވިދާޅުވީ، ދައުލަތަށް ލިބޭ އެއްޗަކާއި ކުރާނެ ހަރަދު ތަކާއި ޓެކްސްއަށް ޒިންމާވުމާއި ދިވެހި ދައުލަތުގެ މާލިއްޔަތަށް ޒިންމާވުމަކީ، ހަރަދަށް ޒިންމާވުމުގެ ގާނޫނުން ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.

އެހެންކަމުން މިފަދަ ބިލްތައް އަމިއްލަ މެންބަރުންނަށް ހުށަހަނޭޅޭނެ ކަމަށާއި، މިފަދަ ބިލްތައް އެފަދަ މެންބަރުންނަށް ހުށަނޭޅޭނެ ގޮތަށް މަޖިލީހުގެ ގަވާއިދުގައިވެސް ހިމަނުއްވާނެ ކަމަށް، ގަވާއިދު އިސްލާހުކުރާ ކޮމިޓީގެ މުގައްރިރު ޝަރީފް ވިދާޅުވިއެވެ.

ޝަަރީފް ވިދާޅުވީ، ދައުލަތް ހިނގަނީ ލިބޭ އެއްޗަކަށްވުރެ ހަރަދު ބޮޑުކޮށް ކަމަށާއި ބިލްގައިވާގޮތަށް އިނާޔަތް ހަމަޖެއްސުމަކީ ދައުލަތަށް ކުޅަދާނަ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މިފަދަ ބިލް ތަކަކީ، މެންބަރު އިޝްތިހާރުވާން ވަގުތު ހޯދަން ހުށަހަޅާ ބިލްތަކެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ދިވެހި ދައުލަތް ބަނގުރޫޓު ކުރަން އަޅުގަނޑުމެން ބޭނުންތޯ، ރައްޔިތުންގެ ތަރައްގީއަށް ކުރަންހުރި ހިދުމަތްތައް ހުއްޓާލަން ބޭނުންތޯ، ދިވެހި ރާއްޖޭގެ ބަނދަރު ތަކާއި ނަރުދަމާތަކާއި، ސާފު ބޯފެން ލިބުމުން މަހުރޫމް ކުރަންވީތޯ، އެ ކަންކަމަކަށް ހަރަދުނުކޮށް އެހެން ކަންކަމަށް ހަރަދު ކުރަންވީތޯ، މީ އުފެދޭ ސުވާލަކީ،"

މި ބިލަށް ވާހަކަ ދެއްކެވި އެމްޑީޕީގެ ބައެއްް މެންބަރުން ވިދާޅުވީ، ޖާބިރަކީ އެތައް މިލިޔަން ރުފިޔާ ދިވެހި ސަރުކާރަށް ދަރައިއޮތް ބޭފުޅެއް ކަމަށާއި، މިފަދަ ބިލެއް ހުށަހެޅުމުގެ ބަދަލުގައި އެ ދަރަނި ދެއްކުން މާ ރަނގަޅުވާނެ ކަމަށެވެ. އަދި މިއީ ދައުލަތް ބަނގުރޫޓު ކޮށްލަން ކުރާ ކަމެއް ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟