ސީލައިފް ގްލޯބަލް

ސީލައިފް އަށް ފައިސާދެއްކި މީހުނަށް އެ ފައިސާ އަނބުރާ ދޭން އެޗްޑީސީން އެއްބަސްވެއްޖެ

ފްލެޓް ގަތުމަށް ސީލައިފް ގްލޯބަލް އަށް ފައިސާ ދެއްކި މީހުންނަށް އެ ފައިސާ އަނބުރާ ދޭން ހައުސިން ޑިވެލޮޕެންޑް ކޯޕަރޭޝަން، (އެޗްޑީސީ) އިން އެއްބަސްވެއްޖެ އެވެ.

ވަން އޮންލައިން އަށް އެނގިފައިވާ ގޮތުގައި، ސީލައިފް ގެ މައްސަލަ، ސިވިލް ކޯޓަށް ހުށަހެޅި ފަރާތްތަކާއި އެނޫން ފަރާތްތައް ވެސް ހިމެނޭ ގޮތުން، ފައިސާ ދެއްކި އެންމެނަށް އެ ފައިސާ ދޭން ވަނީ އެއްބަސްވެފަ އެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި، މި ގޮތަށް އެއްބަސްވެ، ސެޓްލްމެންޓް އެގްރިމެންޓަކަށް އައިސްފައި ވަނީ ރޭގަ ވަގުތެއްގަ އެވެ. އެހެން ނަމަވެސް، ފައިސާ ދެއްކި މީހުން ސިވިލް ކޯޓުގައި ދައުވާ ކުރި އަނެއް ތިން ކަންތައް ކޮށްދޭން އެޗްޑީސީން އެއްބަސްވެފައެއް ނުވެ އެވެ.

ސީ ލައިފް އަށް ފައިސާ ދެއްކި މީހުންގެ ދިފާއުގައި ގާނޫނީ މަސައްކަތް ކޮށްދެއްވީ ގާނޫނީ ވަކީލާ މަރިޔަމް ޝުނާނާ އެވެ.

ވަން އޮންލައިން އަށް އެނގިފައިވާ ގޮތުގައި، ހެޗްޑީސީ އާއި އެކު އެއްބަސްވެފައިވާ ގޮތުގައި، ފްލެޓް ގަތުމަށް ސީލައިފް އަށް ދެއްކި ފައިސާ 60 ދުވަސް ތެރޭ އަނބުރާ ދޭން ޖެހޭނެ އެވެ. އެހެން ނަމަވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނުވަތަ ފްލެޓް ނުލިބި ދިޔަ މުއްދަތަށް އެއްވެސް ބަދަލެއް ނުދޭން ވަނީ ނިންމައިފަ އެވެ. ފްލެޓަށް ފައިސާ ދެއްކި މީހުންގެ ފަރާތުން އެ ގެއްލުމުގެ ބަދަލު ވެސް ނަގައިދިނުމަށް އެދި ކޯޓަށް ހުށަހެޅި އެވެ.

ކޯޓުން ބޭރުގައި މި މައްސަލަ ހައްލު ކުރި އިރު، ސީލައިފް ގެ ފަރާތުން ވަނީ އެޑްވާންސް ފައިސާގެ ގޮތުގައި ބޮޑު އަދަދެއް އެޗްޑީސީ އަށް ކުރީން ދައްކައިފަ އެވެ. ސަރުކާރާއި ސީލައިފް އާ ގުޅިގެން ކުރިޔަށް ގެންދިޔަ އެ ޕްރޮޖެކްޓުގައި ދިމާވި މައްސަލަ ތަކަކާ ގުޅިގެން، ކުރީ ސަރުކާރުގައި، އެޗްޑީސީއާއި ސީ ލައިފް އާ ދެމެދު ވަނީ ބޮޑެތި މައްސަލަތަކެއް ޖެހިފަ އެވެ.

މި މައްސަލައިގައި ފައިސާ ދެއްކި މީހުންނަށް ރިފަންޑުގެ ގޮތުގައި 22 މިލިއަން ރުފިޔާ ދޭން ޖެހޭނެ އެވެ.