އިބްރާހިމް ޒަކީ
ޕެންޝަން ފައިސާގެ ގޮތުގައި ދައުލަތަށް، ކޮންމެ މަހަކު 90 މިލިޔަން ރުފިޔާ ލިބޭއިރު، ޕެންޝަނުގެ ގޮތުގައި ކޮންމެ މަހަކު ދައުލަތުން 105 މިލިޔަން ހަރަދުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ 5،000 ރުފިޔާގެ އެލަވަންސް 10،000 ރުފިޔާއަށް ބޮޑުކުރަން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ހުށަހެޅުއްވި އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ މުގައްރިރުުގެ ގޮތުގައި ހުންނެވި، އިލިޔާސް ލަބީބު، މި އިސްލާހާމެދު ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ، މަހެއްގެ މައްޗަށް ދައުލަތަށް 90 މިލިޔަން ރުފިޔާ ޕެންޝަންގެ ގޮތުގައި ލިބޭ ކަމަށެވެ.
އޭގެ ތެރެއިން 50 ޕަސެންޓަށްވާ 45 މިލިޔަނަކީ ޕްރައިވެޓް ސެކްޓާއިން ޕެންޝަނަށް ފަންޑަށް ހަރަދުކުރާ މިންވަރު ކަމަށާއި، އަނެއް 45 ޕަސެންޓަކީ ދައުލަތުގެ އެކި އެކި މުއައްސަސާތަކުން ދައްކާ މިންވަރު، ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިލިޔާސް ލަބީބު ވިދާޅުވީ، އެ 45 މިލިޔަންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވާ 22.5 މިލިޔަން ރުފިޔާ އަކީ ދައުލަތުގެ ބަޖެޓުން ސަރުކާރުން، ކޮންމެ މަހަކު ޕެންޝަނަށް ހަރަދުކުރާ ވަރު ކަމަށެވެ.
މެންބަރު އިތުރަށް ވިދާޅުވީ، ފަސްދޮޅަސް ފަސް އަހަރުވީ، ދުވަސްވީ 18 ހާސް މީހުންނަށް ދުވަސްވީ ޕެންޝަނުގެ ގޮތުގައި މަހަކު 5،000 ރުފިޔާގެ ރޭޓުން ކޮންމެ މަހަކު އަށްޑިހަ ތިން މިލިޔަން ރުފިޔާ ހޭދަކުރާ ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ އެކިއެކި މުއައަސަސާތަކުން ގަވާއިދެއް ހަދައިގެން އިތުރު ޕެންޝަންގެ ގޮތުގައި، މަހަކު 22 މިލިޔަން ދައުލަތުން ހަރަދުކުރާ ކަމަށް އިލިޔާސް ލަބީބު ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ، މިފަދަ ބިލެއް ހުށަހަޅާއިރު، ދައުލަތަށް އެކަން ކުރެވޭނެ ގޮތަކަށް ހިސާބު ހެދުމަށްފަހު ހުށަހެޅުން މުހިއްމުކަމަށެވެ. އޭނާ ވިދާޅުވީ މި ބިލަށް ތާއީދު ނުކުރައްވާ ކަމަށެވެ.