ފިލްމު ބާރަތުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުވެސް ޕްރޮޑަކްޝަނުގެ ދުނިޔެއަށް ވަނުމަށް ނިންމައި ފުރަތަމަ ފިލްމު އިއުލާންކޮށްފިއެވެ.
އެގޮތުން އޭނާ ފުރަތަމަ ޕްރޮޑިއުސް ކުރާ ފިލްމުގެ ބަތަލަކީ އިޝާން ކައްތަރުއެވެ. ބަތަލާއަކީ އަނަންޔާ ޕަންޑޭ އެވެ.
"ރޮމްކޮމް" ކެޓަގެރީގެ މި ފިލްމަށް ކިޔާ ނަން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފިލްމުގެ ޝޫޓިން މިއަހަރު ފަހުކޮޅު ފަށާނެކަމަށްވެއެވެ.
އަލީ އައްބާސް ޒަފަރު ބޮލީވުޑްގެ ކެރިއާ ފަށާފައިވަނީ ރޮމްކޮމް ފިލްމެއް ކަމަށްވާ "މެރޭ ބްރަދާ ކި ދުލްހަން" އިންނެވެ. އެ ފިލްމުގައި ކެޓްރީނާ ކައިފް، އިމްރާން ޚާން އަދި އަލީ ޒަފަރު ފެނިގެންދެއެވެ. އޭގެ ފަހުން އޭނާ ވަނީ އެކްޝަން، ސްޕޯޓްސް އަދި ތްރިލާ އާއި ޑްރާމާ ފިލްމު ޑައިރެކްޓްކޮށްފައެވެ. އަލީ ބުނެފައިވާ ގޮތުގައި ރޮމްކޮމް އަކީ އޭނާ ޕްރޮޑިއުސަރު ކަމަށް އައުމަށް ނެރޭ ފުރަތަމަ ފިލްމުގެ ތީމެވެ.
އިޝާން ވިދާލީ މިދިޔަ އޭޕްރިލް މަހު ނެރުނު ފިލްމު "ބިޔޯންޑް ދަ ކްލައުޑްސް" އިންނެވެ. އޭގެ ފަހުން އޭނާވަނީ ފިލްމު "ދަޅަކް" ކުޅެ އޭގެން ބޮޑު ކާމިޔާބީތަކެއްވެސް ހާސިލް ކޮށްފައެވެ. އޭގެ ފަހުން ކަރަން ޖޯހަރުގެ ފިލްމު 'ޝައިތޯން" ގައިވެސް އިޝާން ވަނީ މޮޅު އެކްޓެއް ދައްކައިފައެވެ.
އަނަންޔާ ޕަންޑޭ އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އެވެެ. އެ ފިލްމުގައި އޭނާއާއެކު ޓައިގާ ޝްރޮފް އަދި ތާރާ ސުތާރިޔާ މުހިންމު ރޯލުން ފެނިގެންދެއެވެ. މިވަގުތު އަނަންޔާ ވީ ލަންޑަންގައި "ޕަތީ ޕަތްނީ އޯރް ވޯ" ގެ ޝޫޓިންގައެވެ.