ޝަހީދާ އަބްދުﷲ ސައީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ހަތަކަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމުގައި ކޯޓުތަކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ޖުޑީޝަރީ ކޮމިޓީން ފާސްކުރިއިރު އެ އިސްލާހަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
ނަމަވެސް އިސްލާހު ފާސްކުރި އިރު ފިނޭންސް މިނިސްޓްރީން ކޮމިޓީއަށް ފޮނުވި ސިޓީއެއް އިއްވާފައި ވެއެވެ. ދެ ފަނޑިޔާރަކު އިތުރުކުރަން ނިންމައި އެކަަމަށް ހިނގާނެ ހަރަދުތަކާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ލަފައަކަށް އެދި ކޮމެޓީން ފޮނުވި ސިޓީގެ ޖަވާބުގައި ފިނޭންސުން ވަނީ އިތުރުކުރާ ދެފަނޑިޔާރުންނަށް ސޯފާއާއި ކާރު ގަތުމަށް ހިނގާނެ ހަރަދުތައް ބަޔާންކޮށްފައެވެ.
އެސިޓީގައި ހިމަނާފައިވާ ހަރަދުތަކުގެ ތެރޭގައި ފަނޑިޔާރުންގެ ގޭގެ ހަރަދާއި، އޮފީސް ހަރަދާއި، އިދާރީ ހަރަދުތައް ހިމަނާފައިވެއެވެ.
އިތުރުކުރާ ދެ ފަނޑިޔާރުންނަށް ހިނގާ ހަރަދުތަކާއި މެދު ކަންބޮޑުވުން ފާޅުކުރައްވައި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ގޭގެ ހަރަދާއި އެނޫންވެސް ބައެއް ހަރަދުތަކަކީ އާދަޔާ ހިލާފު ބޮޑު ހަރަދުތަކެއް ކަމަށެވެ. އަދި އެއީ ދައުލަތަށް ބުރަ ބޮޑުވާނެކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ އިތުރަށް އިސްލާހު ހުށަހަޅަން ބޭނުން ނުވީ އަދުލް އިންސާފް ގާއިމްކުރުން ލަސްކުރަން ނުފެންނާތީ ކަމަށެވެ.
މީގެ އިތުރުން ސައުދުގެ ވާހަކަތަކަށް ތާއީދުކުރައްވައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ އޭނާގެ ކަންބޮޑުވުމަކީ ވެސް އަލަށް އިތުރުކުރާ ދެ ފަނޑިޔާރުންނަށް ސޯފާއާއި ކާރު ގަތުމަށް ހިމަނާފައިވާތީ ކަމަށެވެ. ނަމަވެސް ހުރި ކަންބޮޑުވުންތަކާއެކު ވެސް އިސްލާހަށް ފާސްކުރަން ފެންނަ ކަމަށް ސިރާޖު ވިދާޅުވިއެވެ.
އިސްލާހަށް ވާހަކަދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި ހަރަދުތައް ހިމަނާފައިވަނީ ފިނޭންސް މިނިސްޓްރީން ވަރަށް ބޮޑަށް ބަލާފައި ކަމަށްވާތީ ބޮޑު ހަރަުތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަދި މިހާރު މަސައްކަތްކުރަނީ ވަކިވަކި އޮފީސްތަކެއްގެ ގޮތުގައިކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ، ކޮންމެ ފަނޑިޔާރަކަށް އެޑްމިނިސްޓްރޭޝަނާއި އެހެނިހެން އިދާރީ ކަންކަން ހަމަޖައްސަންޖެހޭނެ ކަމަށެވެ. މިއަދުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން ދީފައިވާ ލަފައަށް ބުރަވެ، ދައުލަތަށް ބުރަ ބޮޑުނުވާނެ ކަމަށް ނިންމައި ކޮމިޓީން ވަނީ އިސްލާހު ފާސްކޮށްފައެވެ.