މަސް ކިލޯއަކަށް 50 ރުފިޔާ އިން މަސްވެރީންނަށް ހަމައަގު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ގޮވާލައްވައިފިއެވެ.
ސިޔާމު މިކަމަށް ގޮވައިލެއްވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ބޯޓު ފަހަރު ލޭނު އަޅައިގެން މަސް ހިފުމަށް ދީފައިވާ ހުއްދަތައް ބާތިލުކޮށް، ދިވެހި ރައްޔިތުންނަށް މަހުގެ ހަމައަގު ލިބޭގޮތަށް އެ ހުއްދަތައް ދިނުމާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅާފައިވާ ގަރާރަށް ވާހަކަ ދައްކަވަމުންނެވެ.
ސިޔާމު ވިދާޅުވީ، ބޭރުގެ މަސް އޮޑިތައް ލޭނު އަޅައިގެން މަސްބޭނުމަކީ ދިވެހި މަސްވެރިންނަށް ފައިދާހުރިކަމެއް ނޫން ކަމަށެވެ.
މަސްވެރިންނަށް ހަމައަގު ހޯދައިދޭ ވާހަކަ ދައްކާއިރު، ދިވެހި މަސްވެރިކަން ކުރިއެރުވުމަށް، މީގެ 40 އަހަރު ކުރިން މިފްކޯ އުފައްދާފައިވާކަން ފާހަގަ ކުރައްވައި ސިޔާމު ވިދާޅުވީ، 40 އަހަރު ވީއިރު ވެސް މިފްކޯއިން ދިވެހި ދައުލަަތަށް އެއްވެސް ލާރިއެއް ދައްކާފައިނުވާ ކަމަށެވެ. އަދި ޓެކްސް ޕޭޔަރުން ދައްކާ ފައިސާއިން އެތަނުގެ މުވައްޒަފުންނަށް މުސާރަދީ އެތަން ހިިންގަމުން ދަނީ، ސަރުކާރުގައި ތިބި ބަޔަކު ވައްކަންކުރަން ބާއްވާފައި އޮންނަ ކުންފުންޏެއް ގޮތުގައި ކަމަށްވެސް ސިޔާމު ވިދާޅުވިއެވެ.
ސިޔާމު ވިދާޅުވީ، ކުންފުނިން ލިބޭ ގެއްލުން މިލިޔަނުން ބިލިޔަނަށް އެރީމަ އަނެއްކާވެސް ފައިސާ ދީގެން ކުންފުނިތައް ހިފެހެއްޓުމުގެ ބޭނުމެއް ނެތްކަމަށާއި އެފަދަ ކުންފުނިތައް އުވާލަންޖެހޭ ކަމަށެވެ. އެފަދަ ކުންފުނިތައް ބެހެއްޓުމުގެ ބަދަލުގައި ސީދާ މަސްވެރިންނަށް ހަމައަގު ކަނޑައެޅުން މާ މުހިއްމު ކަމަށް ސިޔާމު ފާހަގަކުރެއްވި އެވެ.
"ބަޔަކު ވައްކަންކުރަން ކުންފުނިތައް ހަދާކަށް ނުޖެހޭ. އެމްޓީސީސީއެއް، އެސްޓީއޯއެއް، ކިޔާނެ ކަމެއް ނެތް މީ ހަމަ ވައްކަންކުަރަން ހަދާފަ އޮތް ކުންފުނިތަކެއް،" ސިޔާމު ވިދާޅުވިއެވެ.
ސިޔާމު ވަނީ މަސްކިލޯއެއްގެ އަގު 50 ރުފިޔާއަށް ކަނޑައެޅުމަށް އެ ގަރާރުގައި ހިމެނުމަށް ވެސް ހުށަހަޅުއްވައިފައެވެ.
"އެސްޓީއޯ އުވާލަންވީ، އެމްޓީސީސީ އުވާލަންވީ، މިފްކޯ އުވާލަންވީ، ސަރުކާރުން ހަދާފައި ހުރި ހުރިހާ ކުންފުންޏެއް އުވާލަންވީ،" ސިޔާމު ވިދާޅުވިއެވެ.