ޖެހިޖެހިގެން ތިން ވަނަ އަހަރު ކުރިއަށްދާ އެމްޓީސީސީ ޕްރޮމޯޝަން ''ސާބަސް ޔަންމާ 2019'' ފަށައިފި އެވެ.
އަގުބޮޑު ހަދިޔާތަކާއެކު ކުރިއަށްދާ މި ޕްރޮމޯޝަން މިއަދު އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި ކުރިއަށްދިޔަ ހަފްލާއެއްގައި ރަސްމީކޮށް ފައްޓަވާދެއްވާފައި ވަނީ މިނިސްޓަރ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދެވެ. މި ޕްރޮމޯޝަނަކީ މިއަދުން ފެށިގެން އަންނަ އޮގަސްޓް މަހު 31 ގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ އިންޖީނަކާއެކު އެއް ލައްކަ އާއި ތިން ލައްކަ ރުފިޔާއާ ދެމެދުގެ ސާމާނު ހިލޭ ލިބޭނެ ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ. އެގޮތުން 78 ހޯސްޕަވަރުން ފެށިގެން 829 ހޯސްޕަވަރުގެ ޔަންމާ އިންޖީނު ގަތުމުން އެއް ލައްކަ އާއި ތިން ލައްކަ ރުފިޔާއާ ދެމެދުގެ ސާމާނު ހިލޭ ލިބޭނެ ކަމަށާއި 829 ހޯސްޕަވަރުގެ އިންޖީނު ގަތުމުން ތިން ލައްކަ ރުފިޔާގެ އެކްސަސަރީޒް ހިލޭ ލިބޭނެކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެއެވެ.
މި ޕްރޮމޯޝަން ފެށުމަށް މިއަދު ކުރިއަށްދިޔަ ކުޑަ ހަފްލާއަކަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ އިސްމާއިލް އަދުހަމް ވިދާޅުވީ ފާއިތުވި ދެ އަހަރާ އަޅަ ބަލާއިރު މިއަހަރު މި ޕްރޮމޯޝަންގައި ގިނަ ބަޔަކު ބައިވެރިވާނެކަމަށް ބެލެވޭ ކަމަށެވެ. އަދި ޕްރޮމޯޝަންގައި ބައިވެރިވުމަށް %10 ބުކިން ފީއެއް 31 އޮގަސްޓުގެ ކުރިން އަދި ހުރިހާ ޕޭމަންޓެއް 31 ޑިސެމްބަރގެ ކުރިން ދައްކަން ޖެހޭނެ ކަމަށް އަދުހަމް ވިދާޅުވިއެވެ.
އަދުހަމް ވިދާޅުވީ ޔަންމާއަކީ މަސްވެރިންނާއި އޮޑިވެރިންގެ މެދުގައި މަގުބޫލު ބްރޭންޑެއް ކަމަށެވެ. އަދި ޔަންމާ އަކީ މާކެޓް ޝެއާގެ %80 ކަމަށް އަދުހަމް ވިދާޅުވިއެވެ.