އިބްރާހިމް ޒަކީ
އޫރު މަހާއި ބަނގުރާ ރާއްޖެ އަށް އެތެރެކޮށް ވިއްކުނަ މަނާ ކުރާ ގަރާރެއް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
"ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވަނީ މި ގަރާރު މިއަދު މަޖިލީހަށް ވައްދާފައިވާކަން ޔަގީންކޮށްދެއްވައިފަ އެވެ.
ޖާބިރުގެ ގަރާރުގައި ބުނެފައިވަނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވީ ހިނދު، ރާއްޖޭގައި ހިންގާނީ އިސްލާމީ ދައުލަތެއް ކަމަށާއި، ދިވެހި ރާއްޖޭގައި ހަދާ ގާނޫނުތަކާއި ގަވާއިދުތައް ހަދަން ޖެހޭނީ ވެސް އިސްލާމްދީނާއި ހިލާފުނުވާގޮތުގެ މަތިން ކަމަށް ގާނޫނުއަސާސީގައިވެސް ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އިސްލާމް ދީނުގައި ހަރާމް އެއްވެސް ކަމެއް ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފަށް ކުރުމަށް ހުއްދަ ދިނުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ގަރާރުގައި ބުނެފައިވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ 40 އަހަރުގެ ތާރީހުގައި ވިޔަފާރީގެ ނަމުގައި ބަނގުރަލާއި އޫރުމަސް އެތެރެކޮށް ވިއްކުމަކީ އެއްވެސް ސަރުކާރަކަށް ހުއްދަ ކުރެވޭނެ ކަމެއް ނޫންކަން ފާހަގަ ކުރައްވައި ބަނގުރަލާއި އޫރުމަސް އެތެރުކޮށް ވިއްކަން ދީފައިވާ ހުއްދަތައް ވަގުތުން ބާތިލުކޮށް، އިސްލާމް ދީނުގައި ހަރާމްކޮށްފައިވާ އެ ތަކެއްޗަކީ ރާއްޖޭގައި ވިއްކުން މަނާ ތަކެތީގެ ގޮތުގައި ކަނޑައެޅުމަށް އެ ގަރާރުގައި ޖާބިރު ވަނީ ގޮވާލައްވައިފައެވެ.
މި ގަރާރުން ހާސިލްކުރަން ބޭނުންވާ މަގުސަދު ތަކުގެ ތެރޭގައި ޖާބިރު ހިމަނާފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ އިސްލާމް ދީނާ ހިލާފުވާ އެއްވެސް ވިޔަފާރިއެެއް، މި ސިނާއަތުގެ ތެރެއިން ހިންގުމުގެ ފުރުސަތު ނެތް، އަދި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ހިންގޭ ސިނާއަތަކަށް ފަތުރުވެރިކަމުގެ ސިނާއަތު ބަދަލުވެ، މި ދައުލަތަކީ ސައްތައިން ސައްތަ މުސްލިމް ދައުލަތެއްގެ ރުކުންތައް ފުރިހަމަވެގެން ހިިންގޭ ފުރިހަމަ އިސްލާމީ ދައުލަތަކަށް ހެދުމެވެ.
މިފަދަ ގަރާރެއް ޖާބިރު މަޖިލީހަށް ހުށަހަޅުއްވާފައި މިވަނީ، ކެސިނޯ އެޅުމުގެ ހުއްދަ ދިނުން މުހިއްމުކަން ފާހަގަކުރައްވައި މީގެ ކުރިން ޖާބިރު ވާހަކަ ދެއްކެވުމަށްފަހުގައެވެ.