މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ލައްކައަަކަށްވުރެ ގިނަމީހުން ޕެންޝަން ސްކީމުގައި، އެކަމަކު ހައްޖު ސްކީމަށް ޝަރުތު ހަމަވަނީ އެންމެ 6000 މީހުން

އިބްރާހިމް ޒަކީ

2

އަސާސީ ޕެންޝަން ލިބޭ އެއްލައްކައަށްވުރެ ގިނަމީހުން ޕެންޝަން ސްކީމުގައި މިހާރު އެބަތިބި ކަމަށާއި އޭގެ ތެރެއިން ޕެންޝަން އެކައުންޓްގައި ތިންލައްކަ ރުފިޔާ ހިމެނޭ ތިބީ 6311 މީހުން ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.

ފަރުޟު ހައްޖު އަދާ ކުރުމަށް ޕެންޝަން ފަންޑުން ބޭނުން ކުރެވޭ ފައިސާގެ އަދަދު، 80 ޕަސެންޓަށް ބޮޑުކުރަން ޕެންޝަންގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހާ ބެހޭގޮތުން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުކޮށް ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި، ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވިދާޅުވީ، ޕެންޝަން ސްކީމުން 80 ޕަސެންޓް ނެގުމުގެ ގާބިލުކަން ތިބި 6311 މީހުން އެބަތިބި ކަމަށެވެ.

ސަރުކާރުން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ޕެންޝަން ފަންޑުގެ ފައިސާގައި ހައްޖަށްދާން ބޭނުންވާ ފަރާތްތަކަށް، ހައްޖަށް ދާން އެދުވަސްވަރަކު ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ހައްޖަށް ދިއުމަށް ކަނޑައަޅާ އަގުގެ 80 ޕަސެންޓަށް ޕެންޝަން ފަންޑުން ނެގޭގޮތަށެވެ.

ނަމަވެސް އެ އަދަދު ޕެންޝަން ފަންޑު މެދުވެރިކޮށް ދެއްކޭނީ އެމީހެގެ ޕެންޝަން ފަނޑުގައި ތިން ލައްލަ ރުފިޔާ ހަމަވެގެންކަމަށް ބިލުުގައި ބުނެފައިވެއެވެ.

މި މަޝްވަރާތަކުގައި ޕެންޝަން އޮފީހުގެ ބޭފުޅުން ވިދާަޅުވީ، ޕެންޝަން ސްކީމަކީ، އެހެނިހެން ކަންތައްތަކަށް އެ ފަންޑުގެ ފައިސާ ނެގުމުގެ ބަދަލުގައި ދުވަސްވީ މީހުންނަށް އަބުރުވެރިކަމުގައި ދިރިއުޅެވޭނެ އަސާސީ ޕެންޝަނެއް ހަމަޖެއްސެވުމުގެ މަގުސަދުގައި އުފައްދާފައިވާ ސްކީމެއް ކަމަށެވެ. އަދި އެ ސްކީމް ބައްޓަން ކޮށްފައިވަނީވެސް އެގޮތަށް ކަމަށާއި، ފެންޝަންގެ އިނާޔަތް ފިޔަވައި އެހެން ކަންތައްތަކަށް ޕެންޝަން ފައިސާ ބޭނުންކުރަން ޖެހިއްޖެނަމަ ދުރު މުސްތަގުބަލަކަށް އެކަމުގެ ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެބޭފުޅުން ވިދާޅުވިއެވެ.

ޕެންޝަން އޮފީހުގެ ބޭފުޅުން ވިދާޅުވީ، ޕެންޝަން ސްކީމުގެ މަގުސަދު ނުގެއްލޭގޮތަށް، ގާނޫނީ ބަދަލު ގެނައުމަކީ ބޭނުންތެރިކަމެއް ކަމަށެވެ. އެގޮތުން ފެންޝަން ފައިސާ އެހެން ކަންކަމަށް ނެގޭގޮތަށް ގާނޫނު އިސްލާހުކުރާނަމަ، ޕެންޝަން ސްކީމަށް އިންކަމެއް ވަންނަގޮތަށް އިސްލާހުގައި ހިމެނުމަކީ މުހިއްމުކަމެއް ކަމަށް އެބޭފުޅުން ފާހަގަކުރެއްވިއެވެ.

ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސީއީއޯ މުހައްމަދު ހުސައިން މަނިކު ވިދާޅުވީ، 2029 ވަނަ އަހަރާ ހަމައަށް ޕެންޝަން ސްކީމުުގައި ތިންލައްކައަށްވުރެ ގިނަމީހުން ތިބޭނެ ކަމަށް އަންދާޒާ ކުރައްވާ ކަމަށެވެ. އަދި އެހާތަނުގައި އެކައުންޓްގައި ތިންލައްކަ ހަމަވާ ތިންލައްކަ ތިރީސް ހަހާސް މީހުން ތިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފަރުޟު ހައްޖު އަދާ ކުރުމަށް ޕެންޝަން ފަންޑުން ބޭނުން ކުރެވޭ ފައިސާގެ އަދަދު، 80 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުން އިސްލާހު ހުށަހަޅާފައި މިވަނީ، އެ އަދަދު 50 ޕަސެންޓަށް ސަރުކާރުން ހުށަހަޅައި ފާސް ކުރުމުން އާއްމުންގެ ފާޑުކިޔުންތައް އަމާޒު ވަމުން ދިޔުމުންނެވެ.

ޕެންޝަން ފައިސާ ފަރުޟު ހައްޖަށް ދާން ބޭނުންކުރެވޭނެ ގޮތަށް ހެދުމަކީ ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދު ފުޅެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟