ފައިސާތަކެއްް ހޯދަން އޭނާގެ މައްޗަށް ތުހުމަތު ކޮށްގެން އުޅޭ މީހުންގެ ނިޔަތާ މެދު ސުވާލު އުފައްދައި، އެފަދަ މީހުންގެ ހަގީގަތް ނޭނގޭ ވާހަކަތަކަށް މީޑިއާތަކުން ފުރުސަތު ނުދިނުމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ސޮނާކްޝީ ސިންހާ އެދިއްޖެ އެވެ.
ދިއްލީގެ އިވެންޓްތައް އިންތިޒާމް ކުރާ ފަރާތަކުން، ސޮނާކްޝީއާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައި ވަނީ، އޭނާ އެއްބަސްވި ގޮތާ ޚިލާފުވެ، ޕާފޯމް ކުރުމަށް ހާޒިރުވެފައި ނުވާތީ އެޑްވާންސްގެ ގޮތުގައި ދިން ފައިސާ އަނބުރާ ހޯދުމަށެވެ. ސޮއި ކޮށްފައިވާ ޝޯގައި ޕާފޯމް ކުރުމަށް ސޮނާކްޝީ 32 ލައްކަ އިންޑިއަން ރުޕީސް، ބުކިން ފީއެއްގެ ގޮތުގައި ނަގާފައިވާ ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ.
"ބުނާ ބަހުގެ އިތުބާރު ނުހިފެހެއްޓޭ ބައެއް އެއީ، އެ މީހުން މިހާރު އެ މަސައްކަތްކުރަނީ އަހަރެންގެ އަގު މީޑިއާގައި ވައްޓާލަން. ތަހުގީގަށް ބޭނުންވާ ހުރިހާ ކަމެއްގައި އަހަރެންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ. މި ކަހަލަ ނިޔަތް ގޯސް، ހަގީގަތް ނޭނގޭ މީހުންނަށް ފުރުސަތު ނުދިނުމަށް އަހަރެން މީޑިއާގެ ކިބައިން އެދެން." ސޮނާކްޝީ ބުންޏެވެ.
އުއްތުރަ ޕްރަދޭޝްގެ ފުލުހުންގެ އޮފިޝަލުންގެ ޓީމެއް ވަނީ ސޮނާކްޝީގެ ގެޔަށް އޭނާގެ ބަޔާން ނެގުމަށް މިދިޔަ ބުރާސްފަތި ދުވަހު ގޮސްފަ އެވެ. އެހެން ނަމަވެސް ފުލުހުން ދިޔަ އިރު ސޮނާކްޝީ ގެޔަކު ނޫޅެ އެވެ. އެހެން ކަމުން އޭނާގެ ބަޔާން ނެގުމަށް ޓަކައި ފުލުހުން އަނެއްކާވެސް މި ހަފުތާގެ ތެރޭގައި އެގެޔަށް ދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.