ބައްޕަ މަހޭޝް ބަޓް އާއި ދައްތަ ޕޫޖާ ބަޓްއާ އެކު، އާލިއާ ބަޓް މަސައްކަތްކުރާ ފުރަތަމް ފިލްމް ސީކުއެލް، "ސަޑަކް- 2، އަށް ފޭނުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
ބައްޕަ މަހޭޝް ބަޓް ލިޔެފައިވާ ފިލްމުގެ ސްކްރިޕްޓްގެ ފޮޓޯއެއް މީސްމީޑިއާގައި ހިއްސާކުރަމުން، އާލިއާ ވަނީ ޝޫޓިންގެ ދެވަނަ ބައި ނެގުމަށް އޫޓީއަށް ފުރަން ތައްޔާރުވަމުން އަންނަ ވާހަކަ ބުނެފަ އެވެ. މިދިޔަ މޭ މަހުގެ ތެރޭގައި މި ޓީމުން ވަނީ ފިލްމުގެ ފުރަތަމަ ޝޫޓިންތައް ބޮމްބޭ ގައި ނިންމައިލައިފަ އެވެ.
އޫޓީގައި ކުރިޔަށްދާ ޝޫޓިންތަކުގައި ބޮޑަށް އޮންނާނީ، އާއިލާ ބަޓް އާއި އަދިއްތިޔާ ރޯއީ ކަޕޫރުގެ ލޯބީގެ މަންޒަރުތައް ނެގުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން އާލިއާގެ ލަވަކިޔުމުގެ ހުނަރު ވެސް މި ފިލްމުން ފެނިގެން ދާނެ ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.
ސަޑަކް 2 ގައި އާލިއާ ކުޅޭނީ ސަންޖޭދަތާއި ޕޫޖާ ބަޓްގެ އަންހެން ދަރިފުޅުގެ ރޯލެވެ. މި ފިލްމު ރިލީސްކުރަން ހަމަޖައްސާފައި ވަނީ އަންނަ އަހަރުގެ ޖުލައި 10 ގަ އެވެ.