ބޮލީވުޑް

ބޮލީވުޑްގައި ކެތްކޮށްލެވޭނީ ވަރަށް ވެސް ހިތްވަރު ހުރެގެން: ކެޓްރީނާ

ބޮލީވުޑުގައި ކެތް ކޮށްލެވޭނީ ވަރަށް ހިތްވަރު ގަދަވެގެން ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކެޓްރީނާ ކައިފް ބުނެފި އެވެ.

ބޮލީވުޑްގައި 16 އަހަރު ހޭދަކޮށް، ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކެޓްރީނާ ސިފަ ކުރި ގޮތުގައި، ބޮލީވުޑްގައި ކެތްކޮށްލުމަށް ޓަކައި "ދަގަނޑު ނާރުތަކެއް" ބޭނުންވެ އެވެ. ނިސްބަތުން ބަލާއިރު، ދުނިޔޭގެ އަދި އިންޑިއާގެ ރީތީގެ ރާނީންގެ ތެެރެެއިން ބޮލީވުޑުގައި ހަރަކާތްތެރިވާ ތަރީންނަށްވުރެ ކާމިޔާބު ގިނަ ފިލްމުތައް ކެޓްރީނާ ވަނީ ކުޅެފަ އެވެ.

"މިއީ އަބަދު ފަސޭހަ ކަމެއް ނޫން. މި އިންޑަސްޓްރީގައި އުޅޭން ބޭނުން ނަމަ ދަގަނޑު ނާރުތަކެއް ބޭނުންވާނެ. މިއީ ވާނެގޮތެއް ނޭނގޭ ދާއިރާއެއް، ކާމިޔާބީގެ ގެރެންޓީ އެއްވެސް މީހަކަށް ނުދެވޭނެ. މި އިންޑަސްޓްރީގައި ހޭދަ މި ކުރި 16 އަހަރަކީ ބުރަ 16 އަހަރު، އެކަމަކު އެއީ ކާމިޔާބު އަދި އޯޑިއަންސްގެ ސަޕޯޓާއި ލޯބި ލިބުނު 16 އަހަރު." އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކެޓްރީނާ ބުންޏެވެ.

މާދަމާ އުފަން ދުވަސް ފާހަގަކުރާ، ހޮންކޮންގަށް އުފަން، ކެޓްރީނާ މިވަގުތު ހުރީ ޗުއްޓީ ހޭދަކުރުމަށް މެކްސިކޯގަ އެވެ.

ކެޓްރީނާގެ ދެން އެންމެ އަވަހަށް ނުކުންނާނީ، ފިލްމު "ސޫރްޔާވަންޝީ" އެވެ. އެ ފިލްމުގައި ބަތަލުގެ ބައިން ފެންނާނީ އަކްޝޭ ކުމާރު އެވެ. އުމުރުން 35 އަހަރުގެ ކެޓްރީނާ މިހާރު ހިމެނެނީ ބޮލީވުޑްގެ އެންމެ އަގުބޮޑު އަންހެން ތަރީންގެ ތެރޭގަ އެވެ. އަދި އޭނާ އަންނަނީ ފިލްމު އުފެއްދުމުގެ މަސައްކަތަށް ވަނުމަށް ވެސް ތައްޔާރުވަމުންނެވެ.