ޝަހީދާ އަބްދުﷲ ސައީދު
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި ގެއްލުނު ޝައިމް އަބްދުﷲގެ މައްސަލަ، ތަހުގީގު ކުރުމަށްފަހު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފިއެވެ.
އެޗްއާރުސީއެމުން މިއަދު ބުނީ 14 އަހަރުގެ ޝައިމް ގެއްލުނު މައްސަލަ އެކޮމިޝަނުން ތަހުގީގު ކުރުމަށްފަހު އެކުލަވައިލި ރިޕޯޓް، މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް އެދިފައިވާތީ އެ ރިޕޯޓް މިއަދު ފޮނުވާފައިވާ ކަމަށެވެ.
އަދި އެރިޕޯޓް އެކުލަވައިލައިފައިވަނީ ޝައިމް ގެއްލުނު މައްސަލައިގައި ކޮމިޝަނަށް މިހާތަނަށް ލިބިފައިވާ މައުލޫމާތާއި ކޮމިޝަނުން ކޮށްފައިވާ މަސައްކަތުގެ މައްޗަށް ބިނާކުރުމަށްފަހު ކަމަށް އެޗްއާރުސީއެމުން ބުނެއެވެ.
މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ދައުލަތުގެ ބެލުމުގެ ދަށުގައި (ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި) ހުއްޓާ، ގެއްލުނު ދަފްތަރު ނަމްބަރު 2997، ޝައިމް އަބްދުﷲ ގެއްލުނު މައްސަލަ ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންދާއިރު އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފު މާދަމާ ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.
ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ހުއްޓައި 14 އަހަރުގެ ޝައިމް އަބްދުﷲ ގެއްލިގެން ހޯދަން ފުލުހުން އިއުލާންކުރީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ.
ޝައިމް ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އޭނާ ގެއެއްގެ ތެރެއިން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މި ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ.
އެ މައްސަަލައިގައި ޝައިމް ގެއެއްގައި ފޮރުވައިގެން އުޅުނު މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ދިވެހި އަންހެނަކާއި ފިރިހެނަކު ގެންގޮސް އެކަމުގެ ތަހުގީގުތައް ވަނީ ފަށައިފައެވެ.