ޗައިނާގެ ސްމާޓްފޯން ކުންފުނި "ވަންޕްލަސް" އިން އެންމެ ފަހުން ނެރުނު ފްލެގްޝިޕް ސްމާޓްފޯން "6ޓީ" ގިނަ ބަޔަކަށް ކަމުގޮސްފި އެވެ.
ވަންޕްލަސް އިން ކޮންމެ އަހަރެއްގެ ދެވަނަ ކުއާޓަރުގައި އެކުންފުނީގެ ފްލެގްޝިޕް ފޯން ރިލީޒް ކުރެއެވެ. އެގޮތުން މިއަހަރުގެ މެއި މަހުގައި ނެރުނު "ވަންޕްލަސް 6" ގިނަ ބަޔަކަށް ކަމުދިޔައެވެ.
އަދި އަހަރުގެ ފަހުކޮޅުގައި ވަންޕްލަސްއިން އެކުންފުނީގެ ފްލެގްޝިޕް ފޯނަށް އަޕްގްރޭޑް ގެނައުމަށް ފަހު ރިލީޒްކުރެއެވެ. އެ ކުންފުނީގެ "ޓީ" ލައިންގެ ފޯނު ތަކަކީ އާންމުކޮށް ކުދި އަޕްގްރޭޑްތައް ހިމެނޭ ފޯނުތަކެކެވެ. ނަމަވެސް މިއަހަރުގެ "6ޓީ" އަށް ބޮޑެތި ބަދަލުތަކެއް ގެނައުން ވެގެން ގޮސްފައި ވަނީ ގިނަ ބަޔަކަށް ކަމުދިޔަ ކަމަކަށެވެ.
އަލަށް ރިލީޒްކުރި ވަންޕްލަސް 6ޓީގެ ޑިސްޕްލޭ ވަނީ ބަދަލުކޮށްލާފައެވެ. މީގެކުރިން "އައިފޯން އެކްސް"އާ އެއްވައްތަރު "ނޮޗް" މިހާރު ވަނީ "ޓިއަރޑްރޮޕް" ނޮޗް އަކަށް ބަދަަލުކޮށްފައެވެ.
އެންޑްރޮއިޑްގެ އެންމެ އަވަސް އެއް ސްކިން ކަމަށްވާ "އޮކްސިޖަން" އޯއެސް ވަނީ އާ ވަން ޕްލަސްއަށް އިިތުރަށް އޮޕްޓިމައިޒްކޮށްފައެވެ. އެއާއެކު ވަންޕްލަސް 6ޓީ ކުރީގެ ފޯނުތަކަށް ވުރެ އަވަސްވާނެ އެވެ. އެ ކުންފުނީގެ މަގުސަދަކީ ވެސް އެންމެ އަވަސް ފޯނު ނެރުމެވެ.
މިފަހަރުގެ ފޯނުގެ ޑިސްޕްލޭގެ ތެރޭގައި ވަނީ ފިންގަޕްރިންޓް ޓެކްނޮލޮޖީ ގާއިމުކޮށްފައެވެ. ވަންޕްލަސް އިން ބުނީ އެ ފިންގަރޕްރިންޓް ސްކޭނަރަކީ މިހާތަނަށް ފޯނެއްގެ ޑިސްޕްލޭގެ ތެރޭގައި ގާއިމުކުރި އެންމެ އަވަސް ސްކޭނަރު ކަމަށެވެ.
އެ ފޯނުގެ ބޭސް މޮޑެލްގައި ހަ ޖީބީ ރެމް އާއި 128 ޖީބީ ސްޓޯރޭޖް ހުންނާނެ ކަމަށް ވަންޕްލަސް އިން ބުނެއެވެ. އަދި ފޯން ވިއްކާނީ 549 ޑޮލަރަށެވެ.