ރައްޔިތުންގެ މަޖިލިސް

ޝައިމް ގެއްލުނު މައްސަލައިގައި ޖެންޑަރ މިނިސްޓަރު މާދަމާ މަޖިލީހަށް ހާޒިރު ކުރަނީ

އިބްރާހިމް ޒަކީ

މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ، ދަފްތަރު ނަމްބަރު 2997، ޝައިމް އަބްދުﷲ ގެއްލުނު މައްސަލައާ ގުޅިގެން، މިނިސްޓަރ އޮފް ޖެންޑާ، ފެމެލީ އެންޑް ސޯޝަލް ސާވިސް ޝީދާތާ ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހާޒިރުކޮށް، ސުވާލު ކުރަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ މިއަދު ވިދާޅުވީ، ޝައިމް ގެއްލުނު މައްސަލައިގައި، މިނިސްޓަރު ޝިދާތާ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެކަމާބެހެގޮތުން މިނިސްޓަރާ ސުވާލު ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ކަމަށެވެ.

ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ހުއްޓާ 14 އަހަރުގެ ޝައިމް އަބްދުﷲ ގެއްލިގެން ހޯދަން ފުލުހުން އިއުލާންކުރީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ.

ޝައިމް ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އޭނާ ގެއެއްގެ ތެރެއިން ހޯދައި ފުލުުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މި ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ.

މި މައްސަަލައިގައި ޝައިމް ގެއެއްގައި ފޮރުވައިގެން އުޅުނު މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ދިވެހި އަންހެނަކާއި ފިރިހެނަކު ގެންގޮސް އެކަމުގެ ތަހުގީގުތައް ވަނީ ފަށައިފައެވެ.