ޖިންސީ ގޯނާ

މަގުމަތިން އަންހެނަކަށް ފޮށުނު މައްސަލައިގައި، އަބުދުލްޣަނީގެ މައްޗަށް ދައުވާ ކޮށްފި

1

މަގުމަތިން އަންހެނަކަށް ފޮށުނު މައްސަލައިގައި، ގ. އެއްތެޔޮމާގޭ އަބުދުލް ޣަނީ އިސްމާއީލްގެ މައްޗަށް ދައުވާ ކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ޣަނީގެ މައްޗަށް ދައުވާކުރަނީ މާލޭ މަގުމަތިން ހިނގާފައިދިޔަ އަންހެނަކަށް ޖިންސީ ފުރައްސާރަކޮށް، ފޮށުނު މައްސަަލައިގައި ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުންނެވެ.

އެ މާއްދާގެ ދަށުން އޭނާގެ މައްޗަށް ތިން ދައުވާއެއް ވަނީ ކޮށްފައެވެ.

އުމުރުން 56 އަހަރުގެ އަބުދުލްޣަނީ މަގުމަތިން އަންހެންކުއްޖާއަށް ޖިންސީ ފުރައްސާރަކޮށް ފޮށުނު ވީޑިއޯ އެކުއްޖާގެ ޓްވިޓާގައި ހިއްސާ ކުރުމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް ފާޅު ކުރުމުން، ފުލުހުން ވަނީ އެ މައްސަލަ ތަހުގީގުކޮށްފަ އެވެ.

އަބުދުލްޣަނީގެ މައްޗަށް ދައުވާކުރާ ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާއަކީ އާއްމު މަސްލަހަތަށް ގެއްލުން ހުރި ކަންތައްތައް ބަޔާންކޮށްފައިވާ މާއްދާއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މާއްދާގެ ދަށުން އަބުދުލްޣަނީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދައުވާ އާއި ހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު އަމަލު ހިންގި ކަމުގެ ދައުވާގެ އިތުރުން އާންމު ތާނގައި ވަކި މީހެއްގެ ފަހަތުން ދިއުމުގެ ދައުވާއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟