މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

އިތުރު 1500 އަށް ވުރެ ގިނަ ކުންފުނި އުވާލަން އިއުލާނުކޮށްފި

މަރިޔަމް ޝަހުދާ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް އިން އިތުރު 1500 އަށް ވުރެ ގިނަ ކުންފުނި އުވާލަން އިއުލާނުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ކުންފުނިތައް އުވާލުމަށް ނިންމައި އިއުލާނުކޮށްފައިވަނީ ކުންފުނި އުވާލުމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގެ ދަށުންނެވެ. އެގޮތުން އެ މިނިސްޓްރީން ޖުމުލަ 1597 ކުންފުންޏެއް އުވާލުމަށް ވަނީ އިއުލާނުކޮށްފައެވެ.

މި ކުންފުނިތަކަކީ 2002 އިން 2006ގެ ނިޔަލަށް އަހަރީ ފީ ދައްކާފައި ނުވުމުގެ ސަބަބުން އުވާލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިއުލާނެއް ކޮށްފައެވެ. އެ އިއުލާނުގައި އުވާލުމަށް ކަނޑައަޅައި އާންމުކޮށްފައިވާ ކުންފުނިތަކުގެ ލިސްޓުގައި ޝާއިއުކޮށްފައިވާ ކުންފުންޏެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ހަތަރެއް އޮގަސްޓްގެ ކުރިން އެ މިނިސްޓްރީ އަށް އެންގުމަށް ވަނީ އެދިފައެވެ. އެފަދަ އެކުންފުނިތަކުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިލްތިޒާމްތައް ފުރިހަމަ ކުރުމަށް ފަހު، އެކަން އަންގައިދޭ ލިޔުންތަކާއެކު ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދުނުމުގެ ގޮތުން ކުންފުނީގެ ބޯޑުގެ ގަރާރެއް ފާސްކޮށް މިނިސްޓްރީ އަށް އެންގުމަށް ވެސް މިނިސްޓްރީގެ އެ އިއުލާނުގައި އެދިފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ލިސްޓުގައި ހިމެނޭ ކުންފުނިތަކުގެ މައްޗަށް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތް ނަމަ ނުވަތަ އެ ކުންފުނިތަކުން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ ކުންފުންޏެއްގެ މައްޗަށް އެއްވެސް ފަރާތަކުން ކުރާ ދައުވާއެއް އޮތްނަމަ އެންގުމަށް ވެސް އެ މިނިސްޓްރީން އެދިފައިވެއެވެ. ހަތަރެއް އޮގަސްޓްގެ ކުރިން، މިފަދަ މައްސަލައެއްގެ ތަފުސީހު ހުށަހަޅާފައި ނުވާނަމަ މި ކުންފުނިތަކަކީ ދަރަންޏެއް ނުވަތަ ދައުވާއެއް ނެތް ކުންފުނިތަކެއް ކަމަށް ބަލާނެ ކަމަށް މިނިސްޓްރީ ބުނެއެވެ.