ޓެކްނޮލޮޖީ

އެޕަލްގެ އާ މެކްބުކް އާއި އައިޕެޑް ދައްކާލައިފި

އަހުމަދު ޖައިޝަން

އެޕަލް ކުންފުނީގެ ފްލެގްޝިޕް ލެޕްޓޮޕް ލައިންގެ އާ "މެކްބުކް" އާއި ޓެބްލެޓް ލައިންގެ އާ "އައިޕެޑް" އެ ކުންފުނިން ދައްކާލައިފި އެވެ.

އެފަލް އިން "މެކްބުކް އެއާ" އާއި "އައިޕެޑް ޕްރޯ" ދައްކާލައިފައިވަނީ ނިއުޔޯކް ސިޓީގައި ބޭއްވި އިވެންޓެއްގައެވެ.

މެކްބުކް އެއާ

އެޕަލް އިން ރޭ ބޭއްވި އިވެންޓުގައި އެންމެ ފުރަތަމަ ދައްކައިލައިފައި ވަނީ އެކުންފުނީގެ އާ މެކްބުކް އެވެ. އެތައް އަހަރުތަކެއް ވަންދެއް "މެކްބުކް ޕްރޯ" ލައިން އަށް ކުދި އަޕްޑޭޓް ގެނައުމަށް ފަހު ރޭ ދައްކައިލި އާ ލެޕްޓޮޕް އަކީ އާ ހާޑްވެެއާ ހިމެނޭ ލެޕްޓޮޕް އެކެވެ.

އެޕަލް އިން ބުނީ އަލަށް ތައާރަފުކުރާ މެކްބުކް އެއާ އަކީ 13.3 އިންޗީގެ ރެޓިނާ ޑިސްޕްލޭއެއް ހިމެނޭ ލެޕްޓޮޕެއް ކަމަށެވެ. އެންމެ ފަހުގެ ޖެނެރޭޝަންގެ އިންޓެލް ސީޕީޔޫއެއް އެ ލެޕްޓޮޕްގައި ބޭނުން ކުރާއިރު އޭގެ ރެމް 16 ޖީބީއާ ހަމައަށް މަތިކުރެވޭނެ އެވެ.

ކުރީގެ މެކްބުކްތަކާ އަޅައިބަލާއިރު އާ މެކްބުކްގެ ޓްރެކްޕެޑް 20 ޕަސެންޓް ބޮޑުވާނެ އެވެ. މި ލެޕްޓޮޕް ވިއްކަން ފަށާ އިރު އަގު ހުންނާނީ 1،199 އެމެރިކާ ޑޮލަރުގަ އެވެ.

އައިޕެޑް ޕްރޯ

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ އެޕަލްގެ އާ އައިޕެޑް އަކީ އެހެން އައިޕެޑް ތަކާ މުޅީން ތަފާތު އައިޕެޑް އެކެވެ. ކުރީގެ އައިޕެޑް ތަކުގައި ހިމެނޭ ހޯމް ބަޓަން، އާ އައިޕެޑުން ވަނީ ނަގާފައެވެ. އޭގެ ބަދަލުގައި ސެކިއުރިޓީ އަށް ބޭނުންކުރާނީ "ފޭސް އަންލޮކް" އެވެ. އެއީ އެޕަލްގެ އާ އައިފޯންތަކުގައި ވެސް ބޭނުންކުރާ ޓެކްނޮލޮޖީއެވެ.

އައިޕެޑް ޕްރޯގެ އަރިމަތީގައި ހުރި ބޮޑެތި"ބެޒެލް"ތައް ނެގުމަށް ފަހު ވަނީ ކުޑަ ފްރޭމްއެއްގައި ބޮޑު ޑިސްޕްލޭއެއް ފިޓުކޮށްފައެވެ.

އައިޕެޑް ޕްރޯގައި ބޭނުންކުރާނީ އެކުންފުނީގެ އަމިއްލަ ޗިޕްސެޓް ކަމަށްވާ "އޭ12 ބަޔޯނިކް" އެވެ. އާ އައިފޯނެކޭ އެއްގޮތަށް އައިޕެޑުންވެސް ވަނީ ހެޑްފޯން ޖެކް ނަގާފައެވެ.

އައިޕެޑާއެކު ބޭނުންކުރާ "ޕެންސިލް" ވެސް ވަނީ އަޕްގްރޭޑްކޮށްފައެވެ. މިހާރު އައިޕެޑްގެ އެއް އަރިމަތީގައި ޖައްސައިލުމުން އެޕަލް ޕެންސިލް ވަޔަލެސްކޮށް ޗާޖު ވާނެއެވެ.

އައިޕެޑް ދެ އަގެއްގައި ވިއްކާއިރު 11 އިންޗީގެ އައިޕެޑް ވިއްކަން ފަށާނީ 799 ޑޮލަރަށެވެ. އަދި 13 އިންޗީގެ އައިޕެޑްގެ ފަށާ އަގަކީ 999 ޑޮލަރުން ފެށިގެން 2،300 ޑޮލަރާ ދެމެދެވެ.

މެކްބުކް އާއި އައިޕެޑް އަށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި އަންނަ މަހުގެ ހައެއްގައި މެކްބުކް އާއި އައިޕެޑް އާންމުންނަށް ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.