ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. މާއެނބޫދޫ ސުކޫލުގައި ލައިބްރަރީއެއް ހުޅުވައިދީފިއެވެ.
މިއީ ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން ތަރައްގީކުރި ލައިބްރަރީއެކެވެ. މި ޕްރޮގްރާމްގެ ދަށުން ލައިބްރަރީ ތަރައްގީކޮށް 700 ފޮތް ހަދިޔާކޮށްފައިވެއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން މާއެނބޫދޫ ސްކޫލުގެ ޓީޗަރު ނާޝިދު އާދަމް ނަސީރު ވިދާޅުވީ ލައިބްރަރީ ތަރައްގީ ކުރުމަށްޓަކައި އެ ސްކޫލުން ހުށަހެޅި ޕްރޮޕޯސަލްއާ އެއް ގޮތަށް ލައިބްރަރީ ތަރައްގީކޮށް ހުޅުވާފައިވާކަމަށެވެ.
މިލައިބްރަރީގައި އެއްފަހަރާ 36 ކުދިންނަށް ފޮތް ކިޔަން ތިބެވޭނެ ކަމަށާއި ބީއެމްއެލްއިން ހަދިޔާކުރި 700 ފޮތުގެ ތެރޭގައި ހިމެނެނީ ދިވެހި ބަހާއި އިނގިރޭސި ބަހުން ލިޔެފައިވާ ތަފާތު ފޮތްތައް ކަމަށް ނާޝިދު ވިދާޅުވިއެވެ.
ނާޝިދު ވިދާޅުވީ މީގެކުރިން ސްކޫލުގެ ލައިބްރަރީ ހުރީ ފޮތްކިޔަން މަޑުކޮށްގެން ތިބެވޭ ގޮތަށް ނޫން ކަމަށާއި ހަމަ އެކަނި ޑެސްކެއް ބަހައްޓައިގެން ދަރިވަރުން ފޮތް ކިޔަމުންދިޔައީ ވަރަށް ދަތި ގޮތަކަށް ކަމަށެވެ.
158 ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަ މާއެނބޫދޫ ސްކޫލަކީ އެލްކޭޖީ އިން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. އެ ރަށަކީ އާބާދީގެ ގޮތުން ބަލާ އިރު ދ. އަތޮޅުގައި ތިން ވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ.