ރައްޔިތުންގެ މަޖިލިސް

ސަގާފީ ތަރިކައިގެ ބިލަށް އާއްމުންގެ ހިޔާލުހޯދަން ފުރުސަތު ހުޅުވާލައިފި

އިބްރާހިމް ޒަކީ

1

"ދިވެހި ރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލް" އަށް އާއްމުންގެ ހިޔާލު ހޯދުމަށް މިއަދުން ފެށިގެން ފުރުސަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، އެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާ ކުރަމުން އަންނަ "ދިވެހި ރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލް" އަށް އެއްވެސް ހިޔާލެއްް ނުވަތަ ކޮމެންޓެއް އޮތްނަމަ މިމަހުގެ 16 ވާ އަންގާރަ ދުވަހުގެ 2:00ގެ ކުރިން ކޮމިޓީގެ މެއިލް އެޑްރެސް "[email protected] " އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައި ދެއްވުމަށް އެދޭ ކަމަށެވެ.

ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރި ކުރުމުގެ ޒިންމާ އުފުލުމަށްޓަކައި "ދިވެހި ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރާ އެޖެންސީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެއްދުމަށް ހުށަހަޅާފައިވާ، ދިވެހި ރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބުދުﷲ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މިބިލް މަޖިލީހަށް ބަލަގަނެ އިތުރަށް ދިރާސާ ކުރުމަށް، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވާފައިވަނީ، މިދިޔަ ހޯމަ ދުވަހުއެވެ.

މި ބިލުގައި ގައުމީ ތަރިކައިގެ ހާލަތާއި، ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާގުޅޭ ގޮތުން މިނިސްޓަރަށް ލަފާދިނުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ އެޖެންސީ ބޯޑެއް ރައީސުލް ޖުމްހޫރިއްޔާ އެކުލަވައިލަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކަށް ދޭނެ އަދަބުތަކެއްވެސް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ. އެގޮތުން ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތައް އެއްލައްކަ ރުފިޔާ އާއި އެއްމިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި، ފަސް އަހަރާއި ވިހި އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލުމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟