ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީގެ ޑިފެންޑަރު އަލީ ސާމިރުގެ ހެޓްރިކާއެކު 1-5 އިން ފޯކައިދޫ ބަލިކޮށް، ޓީސީއިން ލީގުގައި ފަސް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފިއެވެ.
ރޭގެ މެޗަށް ޓީސީ ނިކުތްއިރު ދެވަނައިގައި އޮތް މާޒިޔާ ވަނީ އިއްޔެ ހޯދި މޮޅާއެކު ޓީސީއާ ދެ ޕޮއިންޓަށް ގާތްކޮށްފައެވެ. ނަމަވެސް ޓީސީ ވަނީ ފަސޭހަކަމާއެކު ފޯކައިދޫ ބަލިކޮށް އަލުން ފަސް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. މިހަފްތާގެ މެޗުތަކަށްފަހު ޤައުމީ ޓީމު މެލޭސިއާ އާއި ދެކޮޅަށް އަންނަ މަހުގެ 3 ވަނަ ދުވަހު ކުޅޭ މެޗަށް ލީގު މެދުކަނޑާލާނެއެވެ. ދެން ލީގުގައި މެޗެއް އޮންނާނީ 7 ނޮވެންބަރު ގައެވެ.
ރޭގެ މެޗުގެ 12 ވަނަ މިނެޓުގައި ޓީސީއަށް ލީޑު ނަގައިދިނީ އިބްރާހިމް މަހުދީއެވެ. އަދި ހާފް ނިމުމުގެ ކުރިން އަލީ ސާމިރު ވަނީ އަޝްފާޤު ދިން ޕާހަކުން ލީޑު ފުޅާކޮށްފައެވެ.
ދެވަހަ ހާފުގެ ފުރަތަމަ 10 ވަރަކަށް މިނެޓުގެ ތެރޭގައި ސާމިރު ވަނީ ގާތްގާތު ދެ ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. ސާމިރުގެ ތިންވަނަ ލަނޑަކީ ދަގަނޑޭއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ކާމިޔާބުކުރި ލަނޑެކެވެ. ސާމިރު ޖެހި ޕެނަލްޓީ ފޯކައިދޫގެ ކީޕަރު ހަނީފް ސާޤިބް ދިފާޢު ކުރިނަމަވެސް، ސާމިރު ވަނީ ރީބައުންސް އަށް ނިކުތް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.
ޓީސީގެ ފަސްވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ދަނގަޑޭ ކާމިޔާބުކޮށްދިން އިރު، ފޯކައިދޫއަށް ސުން ކަނޑުވާލަދިނީ އެޓީމުގެ އުސާމެވެ.
މެޗު ނިމިގެން ރެފްރީއާ ދިމާއަށް ބޭއަދަބީ ބަހުން މުޢާމަލާތް ކުރުމުން ފޯކައިދޫގެ ގޯލްކީޕަރު ސާޤިބަށް ރެފްރީ ވަނީ ރަތްކާޑު ދައްކާފައެވެ.
މި މޮޅާއެކު ޓީސީ ލީގުގެ އެއްވަނައިގައި އޮތީ 12 މެޗުން ލިބުނު 33 ޕޮއިންޓާއެކުއެވެ. ދެވަނައިގައި މާޒިޔާ އޮތީ 28 ޕޮއިންޓާއެކުއެވެ.