އިލެކްޝަންސް ކޮމިޝަން

ބާ ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިޔަށް ދަނީ

ޝަހީދާ އަބްދުﷲ ސައީދު

މިއަދު ކުރިއަށްދާ ބާ ކައުންސިލް އިންތިހާބުގައި މިއަދު 10:00 އާ ހަމައަށް 76 މީހަކު ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކުރަމް ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލެއާއި އައްޑޫގައި ކުރިއަށްދާ އިންތިހާބުގައި އައްޑޫ ސިޓީގައި ބެހެއްޓި ވޯޓު ފޮއްޓަށް އެކަކު ވޯޓުލާފައިވާ ކަމަށާއި އަދި މާލޭގައި ބެހެއްޓި އެއް ނަމްބަރު ވޯޓު ފޮއްޓަށް 31 މީހުން، އަދި ދެ ނަންބަރު ވޯޓު ފޮއްޓަށް 44 މީހުން ވޯޓްލާފައިވާކަމަށެވެ.

އަކުރަމް ވިދާޅުވީ ކަނޑައެޅިފައިވާ ގަޑިއަށް މާލެއާއި އައްޑޫގައި ވެސް ވޯޓްލުން ފެށިފައިވާކަމަށެވެ. އައްޑޫ ސިޓީގައި ހުންނަވައިގެން ވާހަކަދައްކަވަމުން އަކުރަމް ވިދާޅުވީ، ދެ ސަރަހައްދެއްގައި ވޯޓްލުން ކުރިއަށްދާއިރު މިހާތަނަށް އަދި އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށެވެ.

ބާ ކައުންސިލް އިންތިހާބުގައި ވޯޓްލުން ކުރިއަށް ދަނީ މާލެއާއި އައްޑު ސިޓީ ހިތަދޫގައެވެ. މިއިންތިހާބުގައި ބާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވަނީ ގާނޫނީ ވަކީލު ހުސްނުއްސުއޫދާއި ގާނޫނީ ވަކީލު މައުމޫން ހަމީދެވެ. ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ. އޭގެ އިތުރުން އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު ކަމަށް 19 ވަކީލަކު ކުރިމަތިލެއްވިއެވެ.

ވޯޓުފޮށި ބަންދުކުރަން ނިންމާފައިވަނީ ހަވީރު 5:00 ގައެވެ. މިއަދު 5:30 ގައި ވޯޓު ގުނަން ހަމަޖެހިފައިވާއިރު ވަގުތީ ނަތީޖާ ވެސް މިއަދު އިއުލާންކުރާނެ އެވެ. އަދި ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ.