އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

ރައީސް ސޯލިހުގެ ސަރުކާރަކީ އެންމެ އަނިޔާވެރި، އެންމެ ކޮރަޕްޓް އަދި އެންމެ ލާއިންސާނީ ސަރުކާރު: އަދުރޭ

3

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ އެންމެ އަނިޔާވެރި، އެންމެ ކޮރަޕްޓް އަދި އެންމެ ލާއިންސާނީ ސަރުކާރު ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ސަރުކާރެއް އުފެދިގެން އަށް މަސް ވީއިރު، ތަރައްގީއަށްޓަކައި ކުރެވުނު ކަމެއް ނެތް ކަމަށާއި އެކަމަކު އެބޭފުޅުންގެ ބޭފުޅުންނަށް ނިސްބަތްވާ ކުންފުނިތަކަށް ބަދަލު ދިނުމުގެ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ.

"ސަރުކާރެއް އުފެދިގެން އަށް މަސް ވީއިރު، ތަރައްގީއަށްޓަކައި ކުރެވުނު ކަމެއް ނެތް. އެކަމަކު އެބޭފުޅުންގެ ބޭފުޅުންނަށް ނިސްބަތްވާ ކުންފުނިތަކަށް ބަދަލު ދިނުމުގެ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ނިމި ބަޖެޓު ހުސްވުމަކަށް ދަނީ. ތަރައްގީގެ މަޝްރޫއުތައް ހިންގާކަށް ލާރިއެއް ނެތް. އެހެންވީމާ އަޅުގަނޑު ދެކޭގޮތުގައި މިހާތަނަށް އުފެދުނު އެންމެ އަނިޔާވެރި، އެންމެ ކޮރަޕްޓް، އެންމެ ލާއިންސާނީ ސަރުކާރަކީ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު،" އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރަށްވުރެ އަނިޔާވެރި ސަރުކާރެއް އަދި މި ރާއްޖޭގެ ތާރީހު ދެކިފައި ނުވާ ކަމަށާއި މިއަށްވުރެ ވަރުގަދައަށް އާއިލީ ވެރިކަމެއް ބޭނުންވެގެން އުޅޭ ވެރިއެއް ވެސް ފެނިފައި ނުވާ ކަމަށެވެ.

"މިއަށްވުރެ އަނިޔާވެރި ސަރުކާރެއް އަދި މި ރާއްޖޭގެ ތާރީހު ދެކިފައެއް ނެތް. މިއަށްވުރެ ބޭއިންސާފުން ކަންތައް ކުރާ ސަރުކާރެއް ވެސް މިހާތަނަށް ރާއްޖެ ދެކިފައެއް ނެތް. މިއަށްވުރެ ވަރުގަދައަށް އާއިލީ ވެރިކަމެއް ބޭނުންވެގެން އުޅޭ ވެރިއެއް ވެސް އަޅުގަނޑުމެންނަށް މިހާތަނަށް ފެނިފައެއް ނެތް. މިއަށްވުރެ ނަހަމަގޮތުގައި ހިންގާ ސަރުކާރެއް ވެސް އަޅުގަނޑުމެންނަކަށް ނުފެނޭ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މަސައްކަތްކުރާ ސަރުކާރެއް ވެސް ވަކިން ބޮޑަށް މަސައްކަތްކުރި ސަރުކާރެއް ވެސް މިހާތަނަށް ފެނިފައެއް ނެތް،" އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މަރުތައް ބަލާ ކޮމިޝަނުގެ ތަފްސީލު ރިޕޯޓު ލިބިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން އެ ރިޕޯޓަށް ބައްލަވާފައި އަވަހަށް ފިޔަވަޅު އަޅައިދިނުމަށް ގޮވާލާ ކަމަށެވެ. އަދި ވެރިކަމަށް އަންނަތާ އެއް ދުވަހުގެ ތެރޭގައި މަރުގެ ކަންތައް ހިނގާފައިވާ ގޮތް ކިޔައިދޭނެ ކަމަށް ވިދާޅުވި ބޭފުޅުންނަށް ރިޕޯޓެއް އެކުލަވާލެވުނީ އެތައް ދުވަހެއް ވީ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމިޝަންގެ ރިޕޯޓު އާންމުކުރާނީ ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކުރުމަށްފަހު ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް އެ ފަރާތްތައް ހައްޔަރުކުރަންވާނީ ގާނޫނާ އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟