މުއްސަނދިވާން ކިތަންމެ ފުރުސަތެއް ލިބުނު ނަމަވެސް، ދުވަހަކުވެސް ހިޔާނާތުގެ ފައިސާގައި ޖެހިފައި ނުވާނެ ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާގެ ފޭސްބުކް ޕޯސްޓެއްގައި އެހެން ވިދާޅުވެފައިވާ އިރު، މަނީ ލޯންޑާ ކުރުމަށް މަގުފަހި ކޮށްދިނުމުގެ މައްސަލަ އާޒިމާގެ މައްޗަށް ވަނީ އުފުލައިފައެވެ. އެ މައްސަލައިގައި އާޒިމާ ވަނީ އިއްޔެ ކްރިމިނަލް ކޯޓަށް ވެސް ހާޒިރުކޮށްފައެވެ.
އާޒިމާ ވިދާޅުވީ ތިން ސަރުކާރެއްގެ ކެބިނެޓުގައި މަސައްކަތްކޮށް، މުއްސަނދިވާން އެތައް ފުރުސަތެއް ލިބުނު ނަމަވެސް، ހިޔާނާތުގެ ފައިސާގައި ޖެހިފައި ނުވާނެ ކަމަށާއި ހަދިޔާއެއްގައި ވެސް ހިފާފައި ނުވާނެ ކަމަށެވެ. އަދި އުމުރުން 16 އަހަރުން ފެށިގެން ދައުލަތަށް ހިދުމަތްކުރައްވަން ފެއްޓެވި ކަމަށާއި ބޮޑެތި ޒިންމާތަކާއި ކުރިއެރުންތައް ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މައިންބަފައިން ބަލައި ބޮޑުކޮށް ދަސްކޮށްދިނީ އަމިއްލަ މީހާގެ އެއްޗެއް ނޫން އެއްޗެއްގައި ނުޖެހި، އަމިއްލަ މީހާއަށް ތެދުވެރިވުމަށް ކަމަށާއި އެހެންވެ ދުވަހަކުވެސް ހިޔާނާތުގެ ފައިސާގައި ޖެހިފައި ނުވާނެ ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ މަނީ ލޯންޑަރިންނަށް މަގުފަހިކޮށްދިން ކަމުގެ ދައުވާއަކީ ވަޒީފާ އަދާކުރިކަމަށްޓަކައި އުމުރަށް ހިމޭން ކޮށްލުމުގެ ބޭނުމުގައި އުފުލާފައިވާ ދައުވާއެއް ކަމަށެވެ. އަދި އޭނާގެ ދިރިއުޅުމުގެ މާލީ ހާލަތު ގާތް މީހުންނަށް އެނގޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.