އިލެކްޝަންސް ކޮމިޝަން

ސިޔާސީ ބަޔަކު އިސްވެ ތިބެ، މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް ދަނީ ބިރުދައްކަމުން: އީސީ

1

ސިޔާސީ ބަޔަކު އިސްވެ ތިބެ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް ބިރުދައްކަމުންދާ ކަމަށް ބުނެ، އެކަން ނުކުރުމަށް އެ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

އީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވަގުތީގޮތުން މަސައްކަތް ކުރި ބައެއް މުވައްޒަފުންގެ ފޯނަށް އީސީގެ ނަމުގައި ގުޅައި، އޭގެ ބައެއް މުވައްޒަފުން އެ ކޮމިޝަންގެ އިމާރާތާ ހަމައަށް ގެނެސް، އެ މުވައްޒަފުންނަށް އޮޅުވާލައިގެން އެހެން ތަންތަނަށް ގެންގޮސް، އެފަދަ މުވައްޒަފުންނާ ކޮމިޝަންގެ ނަމުގައި ސުވާލުކޮށް، ބިރުދައްކައި ހަދަމުންގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އީސީން ބުނީ އެކަމަކީ ސިޔާސީ ޕާޓީއަކުން ނުވަތަ ޕާޓީއަކަށް ތާއީދުކުރާ ސިޔާސީ ވަކިބަޔަކު އިސްވެ ތިބެގެން ކުރާ ކަމަކަށްވީ ނަމަވެސް، އެފަދަ އަމަލުތަކަކީ ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފު އަދި ޑިމޮކްރެސީއާ ވަރަށް ބީރަށްޓެހި، ވަރަށް ނާތަހުޒީބު އަމަލަކަށްވާތީ، އެފަދަ އަމަލުތައް އެ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"އަދި ހަމައެހެންމެ، "ރިޔާސީ އިންތިޚާބު 2018" ގެ މަސައްކަތާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުގައި ވަގުތީގޮތުން މަސައްކަތްކުރި މުވައްޒަފުންނާއި، އަދި މިހާރު ކޮމިޝަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަރާތުން މައުލޫމާތެއް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަން ބޭނުންނަމަ، އެކަން އެފަދަ މުވައްޒަފުންނަށް އަންގާނީ ރަސްމީ ގޮތުން ކޮމިޝަނުގެ ލިޔުމަކުން ނުވަތަ ކޮމިޝަނުގެ ފޯނު ލައިނަކުން ކަމުގައިވެސް އެފަދަ މުވައްޒަފުންގެ މައުލޫމާތަށްޓަކައި އަންގަމެވެ..،" އީސީން ނެރުނު ބަޔާނުގައި ބުންޏެވެ.

އީސީން ބުނީ އެފަދަ ނާތަހުޒީބު އަމަލުތައް ނުކުރުމަށާއި، ގާނޫނު އަސާސީން އެ ކޮމިޝަނުގެ މުވައްޒަފުންނަށާއި، މެންބަރުންނަށް ލިބިދީފައިވާ ޒާތީ ދިރިއުޅުމުގެ ހައްގަށް އަރައި ނުގަތުމަށް އެ ފަރާތްތަކަށް އަންގައި އިލްތިމާސްކުރާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟