ސޮނާކްޝީގެ ގެއަށް އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ފުލުހުން ވަދެއްޖެއެވެ.
2018 ވަނަ އަހަރު ހިނގައިދިޔަ އޮޅުވާލައި މަކަރު ހެދުމުގެ މައްސަލައަކާއި ގުޅިގެން އުއްތަރަ ޕްރަދޭޝްގެ ފުލުހުން ސޮނާކްޝީގެ ގެއަށް ވަދެފައިވަނީ އިއްޔެއެވެ. ސޮނާކްޝީ ދިއްލީގައި ޕާފޯމްކުރުމަށް ހަމަޖެހިފައި އޮތް އިވެންޓުވެސް ވަނީ ފުލުހުން އެ ގެއަށް ވަނުމާ ގުޅިގެން ކެންސަލްކޮށްފައެވެ.
އުއްތަރަ ޕްރަދޭޝްގެ ފުލުހުން ސޮނާކްޝީގެ ގެއަށް ވަދެފައިވަނީ ލިޔުންތަކެއް ހޯދުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ފުލުހުން ސޮނާކްޝީގެ ގެއަށް ވަތް ވަގުތު ސޮނާކްޝީ ގޭގައި ނޫޅޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސޮނާކްޝީގެ ތަރުޖަމާނުވަނީ މިކަން ކުށްވެރިކޮށްފައެވެ. ފުލުހުން ގެއަށް ވަދެފައިވަނީ އެއްވެސް ހަގީގަތެއް ނެތް ކަމެއްގެ މައްޗަށް ތަހުގީގު ހިންގުމަށް ކަމަށް ތަރުޖަމާނު ވަނީ ބުނެފައެވެ.