ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ސައި ކޮޓަރީގައި ރިޔާޒާއި އަދުރޭއާ ދެމެދު ހޫނު ޒުވާބެއް

1

ރައްޔިތުންގެ މަޖިލީހުގެ ސައި ކޮޓަރި ތެރޭގައި ޕީޕީއެމް ޕީޖީ ގްރޫޕުގެ ނައިބު ލީޑަރު ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި އެ ޕާޓީގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އާ ދެމެދު މައްސަލަތަކެއް ޖެހި، ޒުވާބެއް ހިނގައިފިއެވެ.

މަޖިލީހުގެ ސައި ކޮޓަރި ތެރޭގައި ހިނގައިދިޔަ އެ ޒުވާބުގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯ ވެސް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ ޒުވާބު ހިނގައިދިޔަ އިރު، ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި އޮތް ގުޅުން ވަރަށް ބަދަހިކަމަށް ދާދިފަހުން އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވަނީ ވިދާޅުވެފައެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ރުޅިވެރި ރާގެއްގައި ގޮނޑިއެއްގައި އިށީނދެވަޑައިގެން އިންނެވި ރިޔާޒްއާ ވާހަކަދައްކަވައެވެ. އެ ވާހަކައިގެ ތެރެއިން މި ސަރުކާރުގައި އަމިއްލަ ވިޔަފާރިއަށް އެއްވެސް ފައިދާއެއް ނަންގަވާފައި ނުވާނެ ކަމަށް އަދުރޭ ވިދާޅުވެއެވެ.

އެ ޒުވާބު ހޫނުވުމުން ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ނިހާން، އެކަން ހުއްޓުވުމަށް މަސައްކަތްކުރައްވައެވެ. ފަހުން އަދުރޭ، ނިހާން ކޮއްޕާލައްވާ މަންޒަރު ވެސް ފެނިގެންދެއެވެ. ނަމަވެސް އަލުން އެނބުރި އައިސް، ނިހާން ވަނީ ހަމަނުޖެހުމެއް ހިނގުމުގެ ކުރިން އަދުރޭ ދުރުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ވިދާޅުވީ އެކަމެއް ހިނގި ވަގުތު އޭނާ އެތަނުގައި ހުންނެވި ކަމަށާއި އަދުރޭ، ނިހާން ކޮއްޕާލާފައިވަނީ ހަމަލާ ދޭކަށް ނޫން ކަމަށެވެ. ބޮޑަށް ވައްތަރީ މަޖަލަކަށް ހިނގައިދިޔަ ކަމެއްގެ ގޮތުގައި ކަމަށާއި އެކަމަކު އަދުރޭ އާއި ރިޔާޒް ރަޝީދާ ދެމެދު ޒުވާބެއް ކުރިއަށްދިޔަ ކަމަށް މުބީން ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްކަމަށް ވާދަކުރައްވަން ނިންމަވާފައިވާ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި އަދުރޭގެ ތެރެއިން އެންމެ ގާބިލް ބޭފުޅަކީ ގާސިމް ކަމަށް ރިޔާޒް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟