ޝަހީދާ އަބްދުﷲ ސައީދު
ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދި މީހަކު ހުށަހެޅި ފޯމެއް ނުދިން މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރު އޮފީސް (އައިކޮމް) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އާ، ދެވަނަ ފަހަރަށް ބައްދަލުކޮށްފިއެވެ.
''ވަންއޮންލައިން'' އަށް މައުލުމާތު ދެއްވަމުން އީސީގެ ތަރުޖަމާނު އަދި މެންބަރު އަހުމަދު އަކުރަމް މިއަދު ވިދާޅުވީި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް މީހެއްގެ ނަމުގައި އެހެން މީހަކު އެކޮމިޝަނަށް ފޯމު ހުށަހެޅި މައްސަލައިގައި ފޯމު ނަގަން ފޯމުގެ ވެރި ފަރާތުން ދިޔަ ކަމަށެވެ.
ނަމަވެސް ފޯމު އަނބުރާ ނުދެވޭނެ ކަމަށާއި ބަދަލުގައި ޕާޓީން ވަކިވުމަށް އެދި ފޯމު ހުށަހެޅުމުން ޕާޓީގެ ދަފްތަރުން އުނިކުރާނެ ކަމަށް އީސީން ބުނެފައިވާނެ ކަމަށެވެ. ނަމަވެސް އައިކޮމްއަށް ގޮސް އެމީހާ މައްސަލަ ހުށަހެޅުމުން މިހާރު ފޯމު ހޯދަން މަސައްކަތް ކުރަނީ އައިކޮމްއިން ކަމަށް އަކުރަމް ވިދާޅުވިއެވެ.
އަދި އެމައްސަލައިގައި ފޯމުގެ ވެރިފަރާތަށް ޖަވާބުދީފައިވާނެ ކަމަށް އައިކޮމް އަށް އަންގާފައިވަނިކޮށް އައިކޮމްއިން އީސީއާ ބައްދަލުކުރަން އެދުމުން މިއަދު ދެވަނަ ބައްދަލުވުން ވެސް ބާއްވާފައިވާނެ ކަމަށް އަކުރަމް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ވެސް އެމައްސަލައަށް ގޮތެއް ނިންމިފައި ނުވާތީ، އަންނަ ހަފްތާގެ އަންގާރަ ދުވަހު ތިންވަނަ ބައްދަލުވުން ބާއްވަން ނިންމާފައިވާނެ ކަމަށް ވިދާޅުވިއެވެ.