މަޝްހޫރު ގިނަ ބަތަލާއިން ތަކަކާ އެކު މީގެ 10 އަހަރު ކުރީން ނެރުނު ފިލްމް ފެޝަން ވަނީ ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ.
ޕްރިޔަންކާ ޗޯޕްރާ، ކަންގްނާ ރާނޫޓް، މުގްދާ ގޮޑްސޭ، އަޒްބާޒް ޚާން އަދި އަރްޖުން ބާޖްވާ ލީޑުރޯލުން ފެންނަ މި ފިލްމް ނެރުނުތާ އިއްޔެ އަށް ވަނީ 10 އަހަރު ވެފައެވެ.
ފިލްމަށް ލިބުނު ކާމިޔާބީ އާއި ފިލްމްގެ 10 ވަނަ އެނިވާސެރީ އާ ގުޅުވައިގެން ފިލްމް އުފެއްދި މަދޫރު ބަންޑާކަރް ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ފިލްމްގެ ބިހައިންޑް-ދަ-ސީން މޯމެންޓްސް ތައް ހިއްސާކޮށްފައެވެ.
މީގެ އިތުރުން މަދޫރު ވަނީ ފެޝަން 2 ހެދުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް ބުނެފައެވެ. މީޑިއާތަކަށް މަދޫރު ދިން އިންޓަވިއުއެއްގައި ބުނީ ފެޝަން 2 ގެ ކޮންސެޕްޓް މިހާރު ސިކުނޑީގައި އެބަ އޮތް ކަމަށާއި، އެ ފިލްމް ވެސް ވާނީ އަސްލު ދިރިއުޅުމުގެ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމަކަށް ކަމަށެވެ. މަދޫރުގެ ހުރިހާ ފިލްމް ތަކަކީވެސް ހަގީގީ ހާދިސާގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމް ތަކެކެވެ. އިންޓަވިއުގައި މަދޫރު އިތުރަށް ބުނިގޮތުގައި ފެޝަން 2 ގެ މަސައްކަތް ވަރަށް އަވަހަަށް އޭނާގެ ޓީމުން ފަށާނެ ކަމަށެވެ. އޭގެ ތެރޭގައި ފިލްމްގެ ވާހަކަ އާއި ސްކްރިޕްޓް ހިމެނެއެވެ.
ފެޝަންގެ ފުރަތަމަ ފިލްމްގެ ލީޑުން ފެނުނު ބައިވެރިން ފެޝަން 2 ގައި ފެންނާނެ ކަމުގެ އެއްވެސް މައުލޫމާތެއް މަދޫރު ހިއްސާއެއް ނުކުރެއެވެ.
ފެޝަންގެ ލީޑުން ފެނުނު، ކަންގްނާ މިދުވަސްކޮޅު "މަނިކަރްނިކާ ދަ ކްއީން އޮފް ޖާންސީ" ގެ މަސައްކަތް ކުރަމުން ދާއިރު ޕްރިޔަންކާ ދަނީ "ދަ ސްކައި އިސް ޕިންކް" ގެ މަސައްކަތް ކުރަމުންނެވެ.