ޝަހީދާ އަބްދުﷲ ސައީދު
ކ. އަތޮޅު ދިއްފުށީގައި އަމިއްލަ ދަރިފުޅަށް ވަޅިން ބިރުދެއްކި މައްސަލައެއްގައި ބައްޕަ ހައްޔަރުކޮށްފިއެވެ.
ދިއްފުށީ ކައުންސިލް މެންބަރަކު ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަމިއްލަ ދަރިފުޅަށް ވަޅިން ބިރުދެއްކި މައްސަލައިގައި އިއްޔެ އިރުއޮއްސި 6:45 ހާއިރު ހުސައިން ނާޒިދު ކިޔާ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަދި އެހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރު 1:40 ގައި ކަމަށް ކައުންސިލަރު ވިދާޅުވިއެވެ. އެހާދިސާގައި ވަޅިން ބިރު ދައްކާފައިވަނީ 7 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
އެ ކުއްޖާގެ މައިން ބަފައިންނަކީ މަސްތުވާތަކެތި ބޭނުންކުރާ ބަޔަކަށް ވުމުން، ކުއްޖާގެ އުމުރުން ތިން މަހުންފެށިގެން ކުއްޖާ ބަލަމުން ގެންދަނީ އެކުއްޖާގެ ބައްޕައާ އެއްބަނޑުއެއްބަފާ ބޮޑުދައިތަ ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.
އަދި ކުއްޖާއަށް ވަޅިން ބިރުދެއްކީ ކުއްޖާ، އޭނާގެ ބެލުމުގެ ދަށަށް ގެންދަން ބޭނުންވެގެން ކަމަށާއި އެއަމަލު ހިންގާފައިވަނީ ބޮޑުދައިތަގެ ގެއަށް ފިރިހެންމީހާ ގޮސް ބޮޑުދައިތައަށް އަނިޔާކޮށް އޭނާގެ ބޯ ފަޅައިލުމަށްފަހު ކުއްޖާ އަތުލައިގެން ގެންގޮސް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކައުންސިލަރު ވިދާޅުވީ ކުއްޖާގެ އުމުރުން ތިން މަހުން ފެށިގެންް ކުއްޖާއަށް ހުރިހާ ހަރަދެއް ކުރަނީ ބޮޑުދައިތަ ކަމަށާއި އަދި ބޮޑުދައިތަ އަކީވެސް ދަރިން ނެތް މީހަކަށް ވުމުން ކުއްޖާ ބަލަމުން އަންނަނީ ވަރަށް ލޯބިން ކަމަށެވެ.
ކުއްޖާގެ މަންމަ އަކީ ކ. އަތޮޅު އަތޮޅު ގާފަރު އަންހެނެއް ކަމަށާއި އޭނާ ހުރީ ގާފަރުގައި ކަމަށެވެ.
އެމައްސަލައާއި ގުޅިގެން ފުލުހުން ބުނީ، އިއްޔެ ދިއްފުށީގައި ހިނގި ހަމަނުޖެހުމެއްގައި އާއިލާގެ މީހުންނަށް ހަމަލާދީ، ތޫނުއެއްޗަކުން ބިރުދެއްކި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ރޭ 10:36 ގައި ހައްޔަރުކޮށްފައިވާކަމަށެވެ.
އެމައްސަލަ ފުލުހުން ތަހުގީގު ކުރަަމުންދާކަމަށް ވެސް ބުންޏެވެ.