ޅ. ނައިފަރާއި ބ. ތުޅާދޫގައި 100 ހައުސިން ޔުނިޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިފަރުގައި އަޅާ 100 ހައުސިން ޔުނިޓު އެޅުމަށް ހަވާލުކޮށްފައިވަނީ ޑަބްލިއު އެންޑް އޭ އޯވަސީސް ކުންފުންޏާއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ނައިފަރުގައި އިމާރާތް ކުރަނީ 3 ބުރިއާއި 4 ބުރީގެ އެޕާޓްމަންޓް ބިލްޑިންގް ތަކެކެވެ.
ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ 71 މިލިއަން 4 ލައްކަ ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް 10 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
ނައިފަރު ހިއްކި ބިމުގައި އިމާރާތްކުރަން ނިންމާފައިވާ ބިލްޑިންގުތަކުގައި ކޮންމެ އެޕާޓްމަންޓެއްގައި ތިން ކޮޓަރި، ތިން ފާޚާނާ، ސިޓިން ރޫމާއި ބަދިގެ އަދި ސްޓޯރޫމާއި ލޯންޑްރީ ރޫމް ހިމެނެއެވެ.
މީގެއިތުރުން ބ. ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި ވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. ތުޅާދޫގައި ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފައިވަނީ ޕްރިސިޝަން އިންޖިނިއަރިން ސާވިސަސް އާއި ޕްލްކްސްއިންކް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗާ ކުންފުންޏާއެވެ.
މި މަޝްރޫއުގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން 100 ހައުސިންގ ޔުނިޓް އިމާރާތްކުރާނެއެވެ. ތުޅާދޫގެ ހިއްކި ބިމުގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގައިވެސް 3 ކޮޓަރިއާއި، ތިން ފާޚާނާއާއި، ސިޓިންރޫމާއި ބަދިގެ އަދި ސްޓޯރޫމާއި ލޯންޑްރީ ރޫމެއް ހިމެނެއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރުގެ ތެރޭގައި ނިންމާގޮތަށް 79 މިލިއަން 6 ލައްކަ ރުފިޔާއަށެވެ. ބ. ތުޅާދޫ ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތަކީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.