އިބްރާހިމް ޒަކީ
އެހެން ގައުމު ތަކެއްގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރުމަށް، 11 ގައުމެއްގައި ތިއްބެވި ދިވެހި ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މަޖިލީހުން ރުހުންދީފައިވަނީ، ސްރީލަންކާއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބުދުއްރައްޒާގު، ސީޝެލްސް އާއި މޮރިޝަސް އަދި ކަަޒަކިސްތާނަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރުމަށާއި، އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު އާއިޝަތު މުހައްމަދު ދީދީ، އަފްޣާނިސްތާނާއި ބޫޓާނުގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރުމަށާއި، މެލޭޝިއާއަށް ކަޑއަޅުއްވާފައި ހުންނަވާ ސަފީރު ވިސާމް އަލީ ބުރުނާއީ އާއި އިންޑޮނޭޝިއާއަށް ކަނޑައެޅުއްވުމަށާއި، ސިންގަޕޫރަށް ކަނޑައަަޅުއްވާފައިވާ ސަފީރު ޑރ. އަބުދުﷲ މައުސޫމު އޮސްޓްރޭލިއާ އާއި ނިއުޒީލެންޑްގެ ނޮން ރެޒިޑެންޓް ސަފީރު ކަމަށް އައްޔަން ކުރުމަށެވެ.
މީގެ އިތުރުން ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު އިބްރާހިމް އުވައިސް ކޮރެއާގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރުމަށާއި ސައުދީ ގައި ހުންނެވި ދިވެހި ސަފީރު، މުހައްމަދު ހަލީލު ކުވެއިތާއި ޖޯޑަން އަށް ކަނޑައެޅުއްވުމުގެ އިތުރުން އެކުވެރި އަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު ޑރ. ހުސެއިން ނިޔާޒް ބަހުރެއިން އާއި އޮމާންގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރުމަށާއި، އިނގިރޭސި ވިލާތުގައި ހުންނަވާ ދިވެހި ސަފީރު ޑރ. ފަރަހަނާޒް ފައިސަލް އަޔަލޭންޑް އާއި ފްރާންސް އަދި ސްޕެއިންގެ ނޮން ރެޒިޑެންޓް ސަފީރު ކަމަށް އައްޔަން ކުރުމަށް ވެސް ވަނީ ރުހުންދީފައެވެ.
އަދި ޖަރުމަނު ވިލާތުގައި ހުުންނަވާ ދިވެހި ސަފީރު އަހުމަދު ލަތީފް، ޑެންމާކާއި ނޯވޭ އާއި ފިންލެންޑް އާއި ސުވިޑްން އަދި ރަޝިއަން ފެޑަރޭޝަންގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް ރުހުން ދީފައިވާއިރު، ޔޫރަޕިއަން ޔޫނިއަން އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު ނެދަލެންޑްސް އަދި ލަގްޒަންބާގުގެ ނޮން ރެޒިޑެންޓް ސަފީރުކަމަށާއި، އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ އާއި އެމެރިކާއަށް ކަނޑައަޅާފައި ހުންނަނަވާ ދިވެހި ސަފީރު ތިލްމީޒާ ހުސެއިން ކެނެޑާއަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަންކުރަންވެސް ވަނީ ރުހުންދީފައެވެ.