ރައްޔިތުންގެ މަޖިލިސް

އޭސީސީ އަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، 12 ބޭފުޅުންގެ ނަން ރައީސް މަޖިލީހަށް ފޮނުއްވައިފި

އިބްރާހިމް ޒަކީ

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، 12 ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މި 12 ބޭފުޅުންގެ ނަން ދިރާސާކޮށް އެ ބޭފުޅުނުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ 5 ބޭފުޅަކު ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި، ކަނޑައެޅުމަށް އެދިވަޑައިގެން ރައީސުލް ޖުމްހުރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، އެ ބާރަ ނަމަކީ އެކަމަށް އިއުލާން ކުރުމުން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ 12 ބޭފުޅުންގެ ނަން ކަމަށެވެ.

އޭސީސީގެ މެންބަރުކަމަށް މަޖިލީހުން ފަސް ބޭފުޅަކު ހޮވުމަށްއެދި ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި 12 ނަން:

1. އަލްއުސްތާޒާ ފާތުމަތު އަނޫލާ ގ. ވަޑިނޮޅުގެ

2. އާރިފް ރަޝީދު ބ. ތުޅާދޫ ބާޑްވިލާ

3. ޒީނިއާ އަބްދުﷲ ހއ. ބާރަށް މަދޮށިމާގެ

4. އިބްރާހިމް ޝަކީލް 3654 ދަފްތަރު

5. އައިޝަތު އަބުދުﷲ ޅ. ހިންނަވަރު ރޯލްގޯލްގެ

6. މަރިޔަމް ޝިއުނާ ސ. ހިތަދޫ ނެދުންގެ

7. މުޖުތަބާ ހަމީދު ރ. ކަނދޮޅުދޫ ދީފުރަމްގެ

8. އަލީ އަޝްރަފް 3366 ދަފްތަރު

9. މަރިޔަމް އަހުމަދު ގ. ޓްރަސްޓްހޯމް

10. ނިޔާޒް އިބްރާހިމް ގދ. ތިނަދޫ ބްރޫމް

11. އަލްއުސްތާޒު އަބުދުﷲ ފ. މަގޫދޫ ތަރްވިލާގެ މިޒްއާން

12. އަލްއުސްތާޒު އާދަމް ޝާމިލް ތ. ވިލުފުށި ރަތްވިލާގެ

ރައީސުލް ޖުމޫރިއްޔާ އޭސީސީއަށް މެންބަރުން އައްޔަންކުރެއްވުމަށް އެދި މަޖިލީހަށް ފޮނުއްވާފައިވަނީ، އެ ކޮމިޝަންގެ ރައީސްގެ ގޮތުގައި ކުރިން ހުންނެވި ހަސަން ލުތުފީ އިސްތިއުފާ ދެއްވާފައި ވުމާއި، އޭސީސީގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވި 4 ބޭފުޅުންގެ މެންބަރުކަމުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ހަމަވާތީއެވެ.

މި ނަން ފުޅުތަކާއި ރައީސުލް ޖުމްހޫރިއްޔާގެ ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތަޅުމަށް އިއްވުމުން އެނަންތައް ދިރާސާކުރުމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.