ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.
ޖާބިރު ނަން އިއްވައި މަޖިލީހުން ނެރުނީ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖަލްސާގެ އެޖެންޑާ އައިޓަމްތައް އިއްވަވައިދެއްވުމަށް ފަހު، ޖަލްސާގެ ފުރަތަމަ އެޖެންޑާ އައިޓަމްގެ ގޮތުގައި އޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޓީފުޅެއް މަޖިލީހަށް އިއްވަވައިދެއްވުމަށް އަމީން އާންމަށް ދެންނެވި ވަގުތު ނިޒާމީ ނުކުތާއެއް ނަންނަގަވައި ރިޔާސަތާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ.
ޖާބިރު ނެންގެވީ ނިޒާމީ ނުކުތާއެއްކަމަށް ބަލައިގަނެވެން ނެތް ކަމަށް ރިޔާސަތުން ތަކުރާރުކޮށް ވިދާޅުވުމުން ވެސް ޖާބިރު ވަރަށް ބާރަށް، ހަރުކަށިކަމާއި ރުޅިވެރިކަމާ އެކު އެއްޗެހިތަކެއް ވިދާޅުވަމުން ގެންދެވި އެވެ. އެހެން ނަމަވެސް އަޑު ކަނޑާލައިފައި ހުރުމުގެ ސަބަބުން ޖާބިރު ދެއްކެވި ވާހަކަ އެހާ ރަނގަޅަށް ސާފުވާގޮތެއް ނުވި އެވެ.
އިށީނދެ ވަޑައިގަތުމަށް ތަކުރާރުކޮށް އެދިވަޑައިގަތުމަށް ފަހު، އިންޒާރު ދެއްވުމަށް ފަހު ޖާބިރުގެ ނަން އިއްވެވުމުން ވެސް އިރުގަނޑެއް ވާންދެން ޖާބިރު މަޖިލީހުގެ ތަޅުމުގައި ނުރުހުން ފާޅުކުރައްވަން ހުންނެވިތަން ފެނުނެވެ. އަދި ނުކުމެވަޑައިގަންނަމުން ރިޔާސަތުގެ މޭޒު ކައިރިޔަށް ވަޑައިގެންވެސް އަތް އުއްކަވައި ކޮންމެވެސް އެއްޗެހިތަކެއް ވިދާޅުވި އެވެ.
ޖާބިރު ނިކުންނަވަން ހިންގަވައިގަތުމުން ރިޔާސަތުން ރައީސް ނަޝީދު ވިދާޅުވީ، މިހާ ހެނދުނާ ޖާބިރު އެހާ ކޯފާ ވެގެން އެ އުޅުއްވަނީ ކީއްވެކަން ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ބޭރަށް ވަޑައިގެން ކޮފީއެއް ބެއްލެވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.
މިއީ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ނަން އިއްވުމަށް ފަހު މެންބަރަކު މަޖިލީހުގެ ތަޅުމުން ނެރުނު ފުރަތަމަ ފަހަރެވެ.