އިސް ބައެއް މަގާމުތަކުގެ މުސާރަ ބޮޑުކުރީ ކުންފުނި ހިންގަން ދަތިވުމުގެ ބިރު ބޮޑުވެގެން ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)އިން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީގެ ހުއްދައަކާ ނުލައި ކުންފުނީގެ އިސްވެރީންގެ މުސާރަ ބޮޑުކޮށްފައިވާ މައްސަލައިގައި އެކުންފުނީގެ މުވައްޒަފުންތަކެއް ހުށަހެޅި މައްސަލައާ ގުޅިގެން، އެ ކުންފުނީގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ކުންފުނީގެ މެނެޖިންގެ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ، އެ މުވައްޒަފުންގެ މުސާރަ ބޮޑުކުރީ މުސާރައިގެ އޮނިގަނޑަށްވެސް ބަދަލަކާއެކުގައި ކަމަށެވެ.
ސީނިއާ މެނޭޖްމެންޓުގެ ބައެއް ފަރާތްތަކަށް މުސާރަ ބޮޑުކުރީ މަޖުބޫރު ހާލަތަކަށް ގޮސްގެންކަމަށެވެ.
"ވަރަށްބޮޑު ކޮންޕެޓިޝަނެއް (ވާދަވެރިކަމެއް) އުފެދިގެން އައީމަ، ވަރަށް ބައިވައިވަރު ސީނިއާ ލެވެލްގެ (ކީކޮށް ޑޭޓުޑޭ އޮޕަރޭޝަންގައި އިންވޯލްވާ) ބޭފުޅުންނަށް ބޮޑެތި އޮފާތަކެއް އެބަހުރި އަރުވައިފަ ޑޮކިއުމެންޓް ވައިސްކޮށް ވެސް އެބަހުރި،" ރިޒްވީ ވިދާޅުވިއެވެ.
ރިޒްވީ އިތުރަށް ވިދާޅުވީ މިހާރު އުފެދިފައިވާ ވާދަވެރިކަމުގެ ތެެރެއިން ކުންފުންޏަށް ކުރިއަށް ދެވޭނީ ކުރެވޭ އިތުބާރުގެ މައްޗަށް ނަގާ ޑިޒިޝަންތަކުން ކަމަށާއި މުވައްޒަފުން ބޭތިއްބުމަށް އެއީ މުހިއްމުކަމެއް ކަމަށެވެ.