ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވައިލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ދެ މެންބަރެއްގެ މަގާމް ހުސްވެފައިވާތީ އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާ ތާރީޚަކީ، މިމަހުގެ 16 ވަނަ ދުވަހުގެ 14:00 އަށެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓު، www.presidencymaldives.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލާފައި މިވަނީ އެކޮމިޝަންގެ މެންބަރު އިސްމާއީލް ސޮފްވާނުއާއި ހަސަން ނަބާހު އިސްތިއުފާ ދެއްވުމުންނެވެ. ނަބާހު މެންބަރުކަމުން އިސްތިއުފާދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.

ނަމަވެސް ސޮފްވާން މެންބަރުކަމުން އިސްތިއުފާދެއްވާފައިވަނީ އޮފީހަށް ނުނުކުމެ ބަރާބަރަށް މުސާރަ ނަންގަވަމުން ގެންދަވާ މައްސަލައިގައި، އޭނާ މެންބަރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައި އެ މައްސަަލަ މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނިކޮށެވެ.