ބްރޯޑްކާސްޓިން ކޮމިޝަން

ސޯޅަ ޓީވީ ޗެނަލާއި ހަ ރޭޑިއޯ ޗެނެލެއްގެ ލައިސަންސް ބާތިލްކުރަން ހުށަހަޅަނީ

އިބްރާހިމް ޒަކީ

މިހާރު ހިދުމަތް ހުއްޓާލާފައިވާ 16 ޓީވީ ޗެނަލާއި، 6 ރޭޑިއޯ ޗެނަލްގެ ލައިސަންސް ބާތިލް ކުރުމަށް، ކޯޓަށް ހުށަހަޅަން ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ތައްޔާރުވަމުން އަންނަ ކަމަށް އެފަރާތުން ބުނެފިއެވެ.

ބްރޯޑްކޮމް އިން މިއަދު ބުނީ، ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހިދުމަތް ހުއްޓާލާފައި ތިބި ފަރާތްތަކުގެ ލައިސަންސް ހިފެހެއްޓުމަށްފަހު ލައިސަންސް ބާތިލްކުރަން ކޯޓަށް ހުށަހެޅޭނެކަން އެފަރާތްތަކަށްވެސް އަންގާފައިވާ ކަމަށެވެ.

އަދި ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އެ ހިދުމަތް ފޯރުކޮށްދޭ ފަރާތުން ހިދުމަތެއް ހުއްޓައިލާނަމަ، ސަބަބު ބަޔާންކޮށް ނުވަތަ ލައިސަންސްގެ ދަށުން އެހެން ޗެނަލެއް ފަށާނަމަ، އެކަމުގެ މައުލޫމާތު 15 ދުވަހުގެކުރިން ކޮމިޝަނަށް އެންގުމަށްވެސް އެފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

ބްރޯޑްކޮޮމް ގަވާއިދުގައި ބުނަނީ، ލައިސަންސް ދޫކޮށްފައިވާ ތަންތަނުން ހިދުމަތް ހުއްޓާލާފައި ބޭއްވޭނެ އެންމެ ދިގު މުއްދަތަކީ 180 ދުވަސް ކަމަށާއި، ލިބިފައިވާ ލައިސަންސްގެ ދަށުން އެހެން ޗެނަލެއް ނުފަށާނެކަމަށް ކޮމިޝަނަށް އަންގައިފިނަމަ، ނުވަތަ ޚިދުމަތް ހުއްޓައިލުމަށްފަހު، އެހެން ޚިދުމަތެއް ނުފަށާ 180 ދުވަސް ވެއްޖެނަމަ، ލައިސަންސް ލިބިފައިވާ ފަރާތުގެ ލައިސަންސް ހިފެހެއްޓުމަށްފަހު، ލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅޭނެކަމަށެވެ.

މި ގަވާއިދަށް އަމަލު ކުރަން ފަށާފައިވަނި، މިއަހަރުގެ ޖެނުއަރީމަހުގެ 29 ގައި ކަމަށް ވާތީ، ގަވާއިދުގައި ބަޔާންކޮށްފައިވާ 180 ދުވަސް ހަމަވާ ތާރީހަކީ މިމަހުގެ 28 ކަމަށް ވެސް ކޮމިޝަނުން އެ ފަރާތްތަކަށް ވަނީ ހަނދާންކޮށްދީފައެވެ.

"އެ ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސްގެ ދަށުން 28 ޖުލައި 2019 ގެ ކުރިން އަލުން ބްރޯޑްކާސްޓްކުރަން ފަށާފައިނުވާނަމަ ނުވަތަ އެކަން ކޮމިޝަނަށް އަންގާފައި ނުވާނަމަ، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމަށްފަހު، ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ރ) ގެ ދަށުން ލައިސަންސް ބާތިލުކުރުމަށް ކޯޓަށް ހުށަހެޅޭނެ ވާހަކަ ވެސް އެ ފަރާތްތަކަށް ކޮމިޝަނުން ވަނީ އަންގާފައެވެ.،" ބްރޯޑްކޮމް އިން ބުނެފައިވެއެވެ.