އާޒިމާ ޝުކޫރު

އާޒިމާ ޝުކޫރު ވެސް ބުރާސްފަތިދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި

އާއިޝަތު އާޒިމާ ޝުކޫރު އަންނަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ޗިޓު ފޮނުވައިފި އެވެ.

އާޒިމާ ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގާވައި ވަނީ ބުރާސްފަތި ދުވަހު ހެނދުނު 9:30 އަށެވެ.

އާޒިމާ ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ، ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައިގައި، ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާ ގުޅިގެންނެވެ. ޗިޓު ލިބިވަޑައިގެންފައިވާކަން އާޒިމާ ވަނީ ދާދި ދެންމެ "ވަން އޮންލައިން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

"އާދެ އަޅުގަނޑަށް ޗިޓު ލިބިފަ އޮތީ. އަޅުގަނޑު އެއްވެސް ކުށެއް ކޮށްފައެއް ނޯންނާނެ އަދި އަޅުގަނޑަކީ ފިލައިގެން ވެސް އުޅޭ މީހެއް ނޫން. ކޯޓުން އެދިވަޑައިގެންފައިވާ ގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކޯޓަށް ހާޒިރުވާނަން." އާޒިމާ ވަން އަށް ވިދާޅުވި އެވެ.