އިބްރާހިމް ޒަކީ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތް 2000 ރުފިޔާއިން 5000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ބޮޑުކުރަން ގާނޫނަށް ހުށަހެޅި އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށާއި، ސަރުކާރު ކޯލިޝަންގައި އޮވެ ޖުމްހޫރީ ޕާޓީ އާއި، އަދި އެ ޕާޓީގެ މެންބަރަކު މިފަދަ ބިލެއް ހުށަހެޅުމުން ސުވާލު އުފެދޭ ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެނެވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަންލަތީފު ވިދާޅުވެއްޖެއެވެ.
އެ ބިލަށް ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ، ނާޒިމަކީ ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ކަމުން އެއީ ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ މެންބަރަކު ކޯލިޝަންގައި ހުންނަވައި ސަރުކާރާ މަޝްވަރާ ކުރުމެއްނެތި، މާލީ ބޮޑު ބުރައެއް ސަރުކާރަށް އުފުލަންޖެހޭ ގޮތަށް ހުށަހެޅި މި ބިލަށް ތާއީދު ނުކުރައްވާ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
ހަސަން ލަތީފު ވިދާޅުވީ، އެމްޑީޕީން މަޖިލީހަށް ބިލު ހުށަހަޅާއިރު ސަރުކާރާ މަޝްވަރާ ކުރާ ކަމަށެވެ.
ހަމަ އެގޮތަށް ޖުމުހޫރި ޕާޓީންވެސް މަޝްވަރާ ކުަރަންޖެހޭ ކަމަށާއި މި ބިލާމެދު ޖުމުހޫރީ ޕާޓީން ފިނޭންސް މިނިސްޓަރާ މަޝްވަރާ ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޖުމްހޫރީ ޕާޓީވެސް މި ކޯލީޝަންގައި ހިމެނޭ ވާހަކައަކީ އަޅުގަނޑުމެން އަޑުއަހާ ވާހަކައެއް. އަޅުގަނޑުމެން ދެކިގެން މިތިބީ ޖުމްހޫރީ ޕާޓީންވެސް ބިލުތައް ހުށަހަޅާއިރު، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ބިލްތައް ހުށަހަޅުއްވާއިރު، އެމްޑީޕީން ބިލުތައް ހުށަހަޅާއިރު މަޝްވަރާ ކުރާގޮތަށްސަރުކާރާއެކު މަޝްވަރާ ކުރަންޖެހޭނެ، އެެހެންނޫންކަމަށް ވާނަމަ ސަރުކާރު ތެރޭގައި ޖުމްހޫރީ ޕާޓީ، އެއޮތް ކޯލީޝަންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ނިޔަތާދޭތެރޭގައި ސުވާލު ކުރާނެ،" ހަސަން ލަތީފު ވިދާޅުވިއެވެ.