އިބްރާހިމް ޒަކީ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އިނާޔަތް 2000 ރުފިޔާއިން 5000 ރުފިޔާ އާއި 7000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ބޮޑުކުރަން ގާނޫނަށް އިސްލާހު ހުށަހަޅުއްވައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ބިލު ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ.
މި ބިލް ގައި އިނާޔަތް ބޮޑު ކުރުގެ އިތުރުން، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ގިންތި ކުރުމަށްވެސް ވަނީ ހުށަހަޅައިފައެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަމީހުންނާ ބެހޭ ދަފުތަރެއް އެކުލަވައިލަންވެސް ބިލުގައި ހިމަނާފައިވެއެވެ.
ބިލް ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވީ، ނުކުޅެދުންތެރިންނަށް އިނާޔަތުގެ ގޮތުގައި މިހާރުދޭ 2000 ރުފިޔާ އަކީ، އެފަދަ މީހުންގެ ޒަރޫރީ ކަންތައް ފުއްދުމަށް އެކަށީގެންވާ އިނާޔަތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނާޒިމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަމީހުންނަށް ބޭނުންވާ ތެރަޕީ ހޯދުމަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން ވެސް އެމީހުންނަށް އެތައް ހަރަދެއް ކުރަން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ، އައިޖީއެމްއެޗް ހޮސްޕިޓަލްގައި ސްޕީޗް ތެރަޕިސްޓްގެ ގޮތުގައި ތިބެނީ ތިން މީހުންނާއި، އޮކިއުޕޭޝަނަލް އެންމެ ތެރަޕިސްޓެއް ކަމަށެވެ. އެހެންކަމުން ނުކުޅެދުންތެރިންގެ ގޮތުގައި ތިބި އެތައް ބަޔަކު ފަސޭހައިން ހިދުމަތް ހޯދަން ދާން ޖެހެނީ އަމިއްލަ ކުލިނިކުތަކާއި އަމިއްލަ ހޮސްޕިޓަލް ތަކަށް ކަމަށެވެ.
ނާޒިމް ވިދާޅުވީ، ޓްރީޓްމަންޓް ނަގަންޖެހޭ ކޮންމެ ދުވަހަކަށް 250 އަށްވުރެ ގިނަރުފިޔާ ހަރަދު ވާއިރު، ހަފުތާއަކަށް 900 ރުފިޔާއަށްވުރެ ގިނައިން ހަރަދުވާ ކަމަށެވެ. އަދި އެފަދަ މީހުން ފަރުވާއަށް މާލެއައިސް ތިބުމަށް، ހިތަށް ނާރާވަރުގެ ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.