މަރުތައް ތަހުގީގުކުރާ ކޮމިޝަން

ޝަފީއު ގެއްލުނު މައްސަލަ ތަހުގީގުކުރުމަށް ރިޔާސީ ކޮމިޝަނުގެ ޓީމެއް ފުވައްމުލަކުގައި ހަރަކާތްތެރިވަނީ

ވީނުވީއެއް ނޭނގި ގެއްލިފައިވާ ފުވައްމުލަކު މުހައްމަދު ޝަފީއުގެ މައްސަލަ ބެލުމަށް، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުގެ ޓީމެއް ފުވައްމުލަކުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ޝަފީއު ގެއްލުނު މައްސަލަ އަލުން ބަލައި ދިނުމަށް އާންމު ފަރާތަކުން ފުލުހުންނަށް ގޮވައިލައި، ކުރި ޓުވީޓަކާއި ގުޅިގެން މަރު ކޮމިޝަނުން މިއަދު ކުރި ޓުވީޓުގައި ބުނެފައިވަނީ، އެމައްސަލަ ބެލުމަށް އެކޮމިޝަނުގެ ތަހުގީގު ޓީމެއް، ފުވައްމުލަކުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަދި އެކަމުގެ ހަގީގަތް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ޓުވީޓުގައި ބުނެފައިވެއެވެ.

ފުވައްމުލަކު ދޫނޑިގަން، އޮޅުތެރޭގެ މުހައްމަދު ޝަފީއު 43އ، ގެއްލުނީ 14 ޖުލައި 2017 ގައެވެ. އޭގެ ފަހުން އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ލިބިފައި ނުވާކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ގެއްލުމުގެ ކުރިން އޭނާ ވަޒީފާ އަދާކުރަމުން ދިޔައީ އަންގާގާ ރިސޯޓުގައެވެ. އޭނާ ގެއްލުނީ ޗުއްޓީއަކަށް ރަށަށް ގޮސް ހުއްޓައެވެ.